04 Aug 2016, 22:52
މޯބައިލް ކޮމާސްގެ ޚިދުމަތް ރާއްޖޭގައި ތަރައްގީކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން ގެންދާ،އެވްރީތިން ރެޑްގެ މޯބައިލް އެޕްލިކޭޝަން "ފުޑްހަބް"ގެ ޚިދުމަތް އައްޑޫ ސިޓީއަށް ތައާރަފްކޮށްފިއެވެ.
އެވްރީތިން ރެޑްގެ "ފުޑްހަބް" އަކީ ކާބޯތަކެއްޗަށް އޯޑަރު ދެވޭގޮތަށް ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ މޮބައިލް އެޕެވެ. އެ ކުންފުނިން ބުނީ، އައްޑޫ ސިޓީގެ ހުރިހާ ހިސާބަކަށް މިހާރު ފުޑްހަބްގެ ޚިދުމަތް ލިބޭނޭ ކަމަށެވެ. އެގޮތުން އެ އެޕްލިކޭޝަން މެދުވެރިކޮށް އައްޑޫ ސިޓީގެ ގިނަ ރެސްޓޯރަންޓް ތަކަކުން ކާތަކެއްޗަށް އޯޑަރުކޮށް، ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތްވެސް ލިބޭނޭ ކަމަށެވެ.
އެވްރީތިން ރެޑްގެ ސީއޯއޯ މުހައްމަދު ރިފާއު ވިދާޅުވީ، ފުޑްހަބްގެ ޚިދުމަތް ރާއްޖޭގެ އެންމެ ބޮޑު ސިޓީކަމަށްވާ އައްޑުއަށް ތައާރަފްކުރެވުމުން، އެންމެ ފުރަތަމަ ފަހަރަށް އެ ޚިދުމަތް ތައާރަފްކުރި ދުވަހު ލިބުނުފަދަ ބޮޑު އުފަލެއް އިހުސާސްކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ޚިދުމަތް މީގެ ކުރިން ވަނީ މާލެއާއި ފުވައްމުލަކަށް ތައާރަފްކުރެވިފައި. މިހާރު މިވަނީ މި ޚިދުމަތް އައްޑޫ ސިޓީއަށް ވެސް ފުޅާކުރެވިފައި،" ރިފާއު ވިދާޅުވިއެވެ.
ކަސްޓަމަރުންނާ، ރެސްޓޯރަންޓްތަކާ ގުޅުވައިދޭ މި ޚާއްސަ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ 199އަށް ވުރެ ގިނަ ރައްތަކުގައި ގާތްގަނޑަކަށް 4000 ރެސްޓޯރަންޓަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ފުޑްހަބްގައި ހިމެނޭކަމަށް އެވްރީތިން ރެޑުން ބުނެއެވެ.
މީގެ ދެމަހެއްހާ ދުވަސް ކުރިން އެވްރީތިން ރެޑުން ވަނީ، މޯބައިލް ފޯނު ބޭނުންކޮށްގެން ފައިސާގެ ގިނަ މުއާމަލާތް ކުރެވޭ ގޮތަށް އުރީދޫ އިން ފަށާފައިވާ މޯބައިލް މަނީގެ ހިދުމަތް ދިނުމަށް އުރީދޫއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން އުރީދޫ މޯބައިލް މަނީގެ ހިދުމަތް ފެށުމުން ފުޑްހަބް މޯބައިލް އެޕްގައި ހުރި ގިނަ ރެސްޓޯރެންޓްތަކަށް ކާތަކެތި އޯޑަރުކޮށް، ބިލް ތަކަށް ފައިސާދެއްކޭނެއެވެ.
އެވްރީތިން ރެޑްގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ބޮޑު ބަޔަކަށް ފުޑްހަބްގެ ޚިދުމަތް ފުޅާކުރުމެވެ.