ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ ކަރެކްޝަނަލް ސާވިސްގެ ލެޓަހެޑާއި ތައްގަނޑު ޖަހައިގެން ދޫކޮށްފައިވާ ލިޔުމުގެ ތަހުގީގު ނުނިމި ލަސްވާތީ ރައީސް ނަޝީދުގެ އޮފީހުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ލިޔުމާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގަށް އެނގެން ޖެހޭ ހުރިހާ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރެވިފައިވީނަމަވެސް އެކަން އިތުރަށް ތަހުގީގުކުރުމަށް ކަމަށް ބުނެ އިތުރު ބޭފުޅުންގެ ފަރާތުން ބަޔާން ނަގައި އެ މައްސަލަ އެއްވެސް އަސާސެއް ނެތި ދިގު ދެމިގެންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"ތަހުގީގަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވީނަމަވެސް މިދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރާއި ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް ފުލުހުންގެ އިދާރާއަށް ހާޒިރުވެ މައްސަލައާ ގުޅޭ ގޮތުން އިތުރު ބަޔާންތަކެއް ދެއްވުމަށް ފުލުހުން އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ މައްސަލަ ދިގުދަންމައި، ވަރަށް ސާފުކޮށް އެނގެން އޮތް މައްސަލައެއް ސިޔާސީކޮށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ކުރާ ކަމެއް ކަމުގައި ދެކެމެވެ،" ރައީސް ނަޝީދުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ސިޔާސީ ހާލާތު ހަލަބޮލިވެ، ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެއަށް ކުރަމުން އައި ޕްރެޝަރުތަކަށް ސިޔާސީ ހައްލެއް ހޯދައި ސަރުކާރުން އެދުނު ބައެއް ކަންކަމަށް އެމްޑީޕީން ތައީދުކޮށް ރައީސް ނަޝީދާއި އެހެން ސިޔާސީ ލީޑަރުންގެ ބަަންދުތައް ލުއިކޮށް އެމަނިކުފާނު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރުމަށް ސަރުކާރުން އެއްބަސްވި ކަމަށް އެ އޮފީހުން ބުންޏެވެ.

ސަރުކާރާއެކު ކުރި މަޝްވަރާތަކުގެ މަތީން މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރި ކަމަށާއި އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އެމަނިކުފާނު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރުމުގެ ލިޔުން ނޫނީ ވަކީލުގެ ހާޒިރުގައި ކަރެކްޝަނަލް ސާވިސްއިން ހަވާލުކުރި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހަމައެންމެ ދާއިމީކޮށް ގޭބަންދަށް ބަދަލުކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައި ރައީސް ނަޝީދު މިނިވަންކުރުމަށް ސަރުކާރުން އެއްބަސްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ނަމަވެސް ސަރުކާރުން ވަނީ އެވާހަކަތަކަށް އިންކާރުކޮށްފައެވެ. ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރި ކަމުގެ ލިޔުމެއް ކަރެކްޝަނަލް ސާވިސް އިން ހަވާލުކޮށްފައިނުވާނެ ކަމަށެވެ.