04 Aug 2016, 23:43
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އަބުރުގެ ބިލަކީ އާންމު ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތި ކުރުވާނެ ބިލެއް ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.
އަބުރުގެ ބިލަށް ހިޔާލު ހޯދުމަށް އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީގެ މިރޭގެ ބައްދަލުވުމަށް ރާއްޖެ ޓީވީގެ އިސްވެރިން ވަނީ ހާޒިރުކުރުވާފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އަބުރުގެ ބިލަކީ އިސްލާމީ ޝަރީއަތާ ގާނޫނު އަސާސީއާ މުޅިން ހިލާފު ބިލެއް ކަމަށެވެ.
"މި ބިލަކީ ޝަރުއީ އުސޫލުތަކާ ހިލާފު ބިލެއް. ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ބިލެއް. އާންމު ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތި ކުރުވާ ބިލެއް. އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ބިލު އެކުލަވާލި ނަމަވެސް އެ ފޭރާމުގައި އެހެން ކަންތައްތަކެއް ހާސިލު ކުރުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލެއް. މިފަދަ ސަބަބުތަކަށްޓަކައި އަޅުގަނޑުމެން ރާއްޖެޓީވީގެ ފަރާތުން ހުށަހަޅަނީ މި ބިލު އުވާލުމަށް. މިހާރުން މިހާރަށް މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް،" ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ މިއަދުގެ ހާލަތާ ވަގުތަށް ބަލާއިރު ބިލުގައި ބުނެފައިވާ މަގުސަދާ ހިލާފު މަގުސަދެއް ފޮރުވިފައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އަބުރުގެ ބިލު މިހާރު އޮތް ގޮތުން އެހެން ގާނޫނުތަކާ އަބުރުގެ ބިލާ ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ބިލު އޮތް ގޮތުން ފިޔަވަޅު އެޅުމުގެ ތަރުތީބެއް ނެތް ކަމަށެވެ.

އަބުރުގެ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީގައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"އަދި ބައެއް ހާލަތްތަކުގައި ފިޔަވަޅު އެޅުމުގައި މި ބިލު އެހެން ގާނޫނުތަކަށް ވުރެ މަތިވެގެންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ބިލުގެ ފަސްވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ ގާނޫނު އަސާސީގެ 16ވަނަ މާއްދާގައި ބުނެފައިވާ އުސޫލުތައް ކަމަށްވީ ނަމަވެސް ވަކި އުސޫލެއް ގާނޫނު އަސާސީގެ 16ވަނަ މާއްދާގައި ބަޔާންކުރާ ހައްގުތަކާ އަސާސީ މިނިވަންކަން ހަމަ ކުރުމަށް ގާނޫނު ދަންނަ ކަމެއް ނޫން އެއީ އުސޫލެއް ކަނޑައެޅުމަކީ،" ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ ބިލުގައި ހިުރި ކަންބޮޑުވުންތައް "އިންތިހާ" ދަރަޖައަށް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ބިލުގައި ޝޯޝަލް މީޑިއާ ކަމަށް ބުނެފައިވާއިރު އެ މީޑިއާތަކަކީ ކޮބައިކަން ބިލުން އެނގެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ވެބްސައިޓަކީ ކޮބައިކަން ބިލުގައި ތަފްސީލުކޮށް ބުނެފައި ނުވާ ކަމަށެވެ.

އަބުރުގެ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީއަށް ރާއްޖެ ޓީވީ ހާޒިރުކުރި ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"މިސާލަކަށް ލޯކަލް މީޑިއާއެއްގެ ގޮތުގައި ލޯކަލް ޓީވީ ޗެނަލުގެ ގޮތުގައި އަޅުގަނޑުމެންގެ މާހައުލު ޓެކުނޮލޮޖީއާ އެއްގޮތަށް މި ބިލުން ފަރުވާއެއް ނުލިބޭ. މިސާލަކަށް މިހާރު ފޭސްބުކުން ލައިވް ކުރެވޭ. ޕެރިސްކޯޕުން އެބަ ލައިވް ކުރެވޭ. ކިހިނެއްތޯ އޭގެއިން ފަރުވާ ދޭނީ. ރާއްޖެއިން ބޭރުގައި ހޮސްޓު ކުރާ ވެބްސައިޓަކުން ކިހިނެއްތޯ ފަރުވާ ދޭނީ. ރާއްޖެއިން ބޭރުގައި ހުންނަވާ ބޭފުޅަކު ކުރައްވާ ޓުވީޓަކުން ކިހިނެއްތޯ ފަރުވާ ދޭނީ." ފިޔާޒު ވިދާޅުވި އެވެ.
ރާއްޖެޓީވީ ހާޒިރުކޮށް އަބުރުގެ ބިލާ ގުޅޭގޮތުން ހިޔާލު ހޯދާފައިވާއިރު ބިލު ދިރާސާކުރާ ކޮމެޓީން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބޮޑެޓި ޓީވީ ޗެނަލުތަކާ އޮންލައިން ނޫސްތަކުގެ އިސްވެރިން ހާޒިރުކޮށް ބިލާ ގުޅޭގޮތުން ހިޔާލު ހޯދާފަ އެވެ.