04 Aug 2016, 20:09
ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް އެޅުމަށް ހުޅުމާލޭ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރާއެކު މަޝްވަރާ ކުރެވެވުންދާ ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމާލޭގައި މަސްޖިދު ޒައިދު ބިން ޘާބިތު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ، ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އެކަމަށްޓަކައި މިހާރު ބިމެއް ވެސް ހާއްސަ ކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި އެކަމަށް މަގުފަހިވެ، ދިވެހި ރައްޔިތުންނަށް އެކަން ހަމަޖެހިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ހުޅުވައިދެއްވި މިސްކިތަކީ އިސްލާާމިކް މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން ހުޅުމާލޭގައި އެޅި 650 މީހުންގެ ޖާގައިގެ މިސްކިތެކެވެ.