ސެމްސަންގް ކުންފުނިން އުފައްދާ ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފޯނު "ސެމްސަންގް ގެލެކްސީ ނޯޓް 7" މިރޭ ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ދިރާގުން މިރޭ ރާއްޖެއަށް ނޯޓް 7 ތައާރަފް ކުރުމާ އެކު ދުނިޔޭގައި ދެވަނަ އަށް އެ ފޯނު ލޯންޗް ކުރި ގައުމުގެ ޝަރަފް ރާއްޖެއަށް ލިބެއެވެ.

މިރޭ ސެމްސަންގް ގެލެކްސީ ނޯޓް 7 ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އައިރިސް ސްކޭނަރ އާއި ކާވްޑް ޑިސްޕްލޭ ހިމެނޭ ސެމްސަންގެ އެންމެ ފަހުގެ ފެބްލެޓް،ސެމްސަން ގެލެކްސީ ނޯޓް 7ރަސްމީކޮށް ސެމްސަންގުން ފުރަތަމަ ދައްކާލީ އެމެރިކާގެ ނިއު ޔޯކުގައި މީގެ ތިންދުވަސް ކުރިން ބޭއްވި ސެމްސަންގް އަންޕެކްޑް ހަފުލާގައެވެ.

ފޯނަށް އެއްކޮށް ފައިސާ ދައްކާފައި ލިބެން ހުރީ 12999 ރުފިޔާ އަށެވެ. އަދި މަހުން މަހަށް ފައިސާ ދައްކާގޮތަށް ކޮންމެ މަހަކު 849 ރުފިޔާ ދައްކާގޮތަށް އެ ފޯނަށް ޕްރީއޯޑާ ކުރެވޭނެއެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާގޮތަށް ފޯނު ލިބޭނީ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 2999 ދެއްކުމުންނެވެ.

މިރޭ ސެމްސަންގް ގެލެކްސީ ނޯޓް 7 ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޕްރީއޯޑާކޮށް މި ފޯނު ހޯދުމުގެ ފުރުސަތު ލިބެނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަންޏެވެ. އެގޮތުން 12 މަސް ވަންދެން ދިރާގުގެ ޕޯސްޓްޕެއިޑް ނަންބަރެއް ބޭނުންކޮށްފައިވާ ދިރާގު ކަސްޓަމަރަކަށް ވާންޖެހެއެވެ. ދިރާގުން ދޫކުރާ ނޯޓް 7 ފޯނާ އެކު އެފޯނަށް ހާއްސަ ވީއާރު ގިއާއެއް ލިބޭނެއެވެ.

ލޮލުގެ ކަޅި ދެނެގަނެވޭ ސެންސަރެއް ކަމުގައިވާ އައިރިސް ސްކޭނަރ ހިމަނާފައިވާ ނޯޓް 7 މިރޭ ރާއްޖެއަށް ތައާރަފް ކޮށްފައިވާއިރު، މިރެއިން ފެށިގެން ޕްރީ އޯޑަރު ކުރުމަށް ހުޅުވާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ސެމްސަންގް ކުންފުނިން އުފައްދާ ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފޯނު "ސެމްސަންގް ގެލެކްސީ ނޯޓް 7" ދިރާގުން މިރޭ ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވި ހަފްލާތެރޭން -- ފޮޓޯ: ދިރާގު

ނޯޓު 7 ގައި ހިމަނާފައިވާ ލޮލުގެ ކަޅި ދެނެގަންނަ ސެންސަރުން ފޯނު އަންލޮކް ކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ. ލޮލޮގެ ކަޅިން ފޯނު އަންލޮކް ކުރެވޭ އިރު، އެއީ އިނގިލި ނިޝާނަށްވުރެ ރައްކާތެރި ސިފައެއް ކަމަށް ސެމްސަންގުން ބުނެއެވެ.

ފެން ނުވަންނަ ގޮތަށް ހަދާފައިވާ ނޯޓު 7 ގައި 4 ޖީބީގެ ރޭމް އާއި، 12 މެގަ ޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެއެވެ. މި ފޯނުގައި ހިމަނާފައިވަނީ، ކުއަލްކޮމް ސްނެޕްޑްރެގަން 820 ގެ ޕްރޮސެސަރެކެވެ.

ނޯޓު 5 އާ ހިލާފަށް ނޯޓު 7 ގައި އެސްޑީ ކާޑު ޖެހެން ހުންނާނެއެވެ. އަދި އިންޓާނަލް ސްޓޯރޭޖް ގައި 64 ޖީބީ ހިމެނޭނެއެވެ. މިރޭ ދައްކާލި ނޯޓު 7ގައި 3500 މިލިއެމްޕަޔަރ ގެ ބެޓެރިއެއް ހިމަނާފައިވެ އެވެ. އެހެން ކަމުން ނޯޓު 5ށް ވުރެ ނޯޓު 7 ބެޓެރީ ގިނަ އިރު ހިފަހައްޓާނެއެވެ.