ހުޅުމާލޭގައި ބިނާކުރި ޒައިދު ބިން ޘާބިތު މިސްކިތް، ނައިބު ރައީސް އަބްދުﷲ ޖިހާދު ހުޅުވައިދެއްވައިފިއެވެ.

މިސްކިތް ހުޅުވުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިސްކިތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު އަހްމަދު ޒިޔާދު ވާހަކަފުޅު ދައްކަވަމުން ވިދާޅުުވީ، ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ ހަމައެކަނި އިގްތިސާދީ ދާއިރާއަށް ނޫން ކަމަށާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއަށްވެސް އެމަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.

މަސްޖިދު ޒައިދު ބިން ޘާބިތު ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު އަހްމަދު ޒިޔާދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"ބަޔަކު ތަނެއްގައި އާބާދުވެ އެތަނެއްގައި ބަޔަކު ދިރުއުޅެމުން ދާ ކަމުގަ ވާނަމަ އެތަނެއްގަ އެ ބަޔަކަށް އިސްލާމް ދީނުގަ އޮންނަ އުސޫލާ ހަމަތަކުގެ މަތިން އަޅުކަން ކުރެވޭނެ ނިޒާމެއް ގާއިމް ކޮށްދެއްވި ކަމީ އެމަނިކުފާނުގެ ހިތްޕުޅުގައި އިސްލާމްދީނަށް ދެވިފައިވާ މަތިވެރި ގަދަރާއި ލޯބި ހާމަވެގެންދާ ވަރަށްބޮޑު ހެއްކެއް، ދަލީލެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެ މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލޭގެ ތަރައްގީއަށް ރައީސް ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

މަސްޖިދުއް ޒައިދު ބިން ޘާބިތުގައި އަސުރު ނަމާދުގެ ކުރިން ސުންނަތް ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެ މިސްކިތުގައި ވަނީ މިއަދުގެ އަސުރު ނަމާދު ކޮށްފައެވެ. އިމާމުވެ ނަމާދު ކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު އަހްމަދު ޒިޔާދެވެ.

ޔުމާން އެންޓަރޕްރައިސެސް އިން އިމާރާތް ކުރި ދެބުރީގެ އެ މިސްކިތަކީ 650 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް އިމާރާތް ކުރުމަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެމިސްކިތް ނިންމާފައިވަނީ 135 ދުވަހުގެ މުއްދަތެއްގައެވެ.