26 May 2011, 15:33
ޑުވީލް : ދުނިޔޭގައި ސިނާޢީގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ޖީ 8 ގެ ޤައުމުތަކުގެ އެންމެ އިސްވެރިން ފަރަންސޭސިވިލާތުގެ ރެސޯޓް ރަށެއްކަމަށްވާ ޑުވީލްގައި ސަމިޓް ބައްދަލުވުމެއް ފަށައިފިއެވެ.
މިސަމިޓްގެ އެޖެންޑާގައި ހިމަނާފައިވާ މައިގަނޑު ދެކަމަކީ ދާދިފަހުން ރައްޔިތުންގެ އިންޤިލާބުތަކާއެކު ޚުދުމުޚްތާރު ވެރިކަން ވެއްޓި ޑިމޮކްރެޓިކް ވެރިކަމަށް މަގުފަހުވެގެންދިޔަ ޢަރަބި ދެޤައުމު ކަމަށްވާ މިސްރާއި ތޫނިސްއަށް މާލީއެހީ ދިނުމާބެހޭގޮތުން ގޮތްތަކެއް ކަނޑައެޅުމާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައި.އެމް.އެފް. އަށް ޑިރެކްޓަރަކު އިންތިޚާބު ކުރުމާމެދު އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމެވެ.
މީގެއިތުރުން ޔަމަންއާއި ސޫރިޔާގެ ރައްޔިތުން އެދެޤައުމުގެ ވެރިކަމުގެ ނިޒާމާދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކާ ދެކޮޅަށް އެދެޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރަމުން ގެންދިޔުމާއި، އީރާނުގެ ނިއުކްލިޔަރ މައްސަލައާއި، ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތަކާބެހޭގޮތުންވެސް ޖީ 8 ގެ ލީޑަރުން މަޝްވަރާކުރައްވާނެއެވެ.
ޖީ 8 ގެ އިސްވެރިންގެ ބައްދަލުވުމުގެ ބޮޑުބައި ހޭދަވާނެ ކަމަށް ބެލެވެނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައި.އެމް.އެފް.އަށް ޑިރެކްޓަރަކު އިންތިޚާބު ކުރުމާމެދު އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމަށް ކަމަށް މުރާސިލުން ބުނެއެވެ.
އައި.އެމް.އެފް. ގެ ޑިރެކްޓަރަކު ކަމުގެ މަޤާމުގައި ހުންނެވި ފަރަންސޭސި ރައްޔިތެއް ކަމަށް ސްޓްރާވްސް ކާން އަންހެނަކު ރޭޕްކުރުމުގެ ބަދުއަޚްލާޤީ މައްސަލައެއްގައި އެމެރިކާގެ ފުލުހުންގެ އަތްދަށުގައި ހައްޔަރުވެފައިވާތީ އޭނާވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ޖީ 8 ގެ ބައެއް ޤައުމުތަކުން ގެންދަނީ އައި.އެމް.އެފް. ގެ ޑިރެކްޓަރަކު ކަމުގެ މަޤާމަށް ވަރަށް ބޮޑަށް ވާދަކުރަމުންނެވެ. ޖީ 8 ގެ އިސްވެރިންގެ މި ސަމިޓް ބައްދަލުވުން ނިމޭނީ ހުކުރުދުވަހު އެވެ. މި ސަމިޓްގެ ރިޔާސަތު ބަލަހައްޓަ ވަނީ ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީއެވެ. (ރޮއިޓާސް)