މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޔޫތު ޗެލެންޖް ޕްރޮގްރާމް، "ދަ އޮޕްޗުނިޓީ ޕޫލް 2016" ޒުވާނުންނަށް ގިނަ ފުރުސަތުތަކަކާއި އެކު މިއަދު ހަވީރު ފަށައިފިއެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތް ޗެލެންޖް ޕްރޮގްރާމް ހުޅުއްވައިދެއްވީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ.

އެކްސްޕޯ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ މި ފުރުސަތަކީ ޒުވާނުން ބާރުވެރި ކުރުމަށް ސަރުކާރުގެ ފަރާތުން ހިންގާ ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ޒުވާނުން އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންވާނެ ކަމަށެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތް ޗެލެންޖް ޕްރޮގްރާމް ހުޅުއްވައިދެއްވުމަށް މިނިސްޓަރު އިރުތިޝާމް ވަޑައިގެންނަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ޒުވާނުންނަކީ މުސްތަގްބަލްގައި އަޅުގަނޑުމެންގެ ލީޑަރުން. އެއީ ސިޔާސީ ގޮތުންނާއި ކުޅިވަރާއި އިޖުތިމާއީ ގޮތުންގެ އިތުރުން ވިޔަފާރީގެ ގޮތުންނާއި ތައުލީމީ ގޮތުން ވެސް ޒުވާނުން ޝައުގުވެރިކުރުމާ ކަންތައްތަކެއް މި ފެއާގެ ތެރެއިން ފެނިގެންދާނެ،" އިރުތިޝާމް ވިދާޅުވިއެވެ.

ޔޫތު ޗެލަންޖަކީ ރާއްޖޭގައި މި ފަހަކަށް އައިސް ކޮންމެ އަހަރުކު ވެސް ބާއްވަމުން އަންނަ މަޝްހޫރު ބްރޭންޑް ނަމެކެވެ. ނަމަވެސް މި އަހަރުގެ ޕްރޮގްރާމް ހުރިހާ ގޮތަކުން ވެސް ތަފާތު ވާނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތް ޗެލެންޖް ޕްރޮގްރާމް ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރު އިރުތިޝާމް ސްޓޯލް އެއް ކައިރީގައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"އެއް ތަނަކުން ވަޒީފާ އާއި ވަޒީފާގެ ފުރުސަތުތަކާއި އަދި ޒުވާނުންނަށް ބޭނުންވާ ވިޔަފާރީގެ ހުނަރުތަކާއި ޒުވާން ވިޔަފާރީ ކުރާ ފަރާތްތަކުގެ ވިޔަފާރީ ވެސް މި ޕްރޮގްރާމުން ފެނިގެންދާނެ. ކުރީ އަހަރު ތަކަށްވުރެން މި އަހަރު ބައިވެރިންގެ ޝައުގު ވެސް ބޮޑު،" ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަލީ ޒަކީ ވިދާޅުވިއެވެ.

މިއަހަރުގެ ޔޫތް ޗެލެންޖް ޕްރޮގްރާމްގައި ޖުމްލަ 63 ސްޓޯލާ އެކު މިއަދު ފެށިއިރު ޔޫތު މިނިސްޓްރީން ބުނީ 500 އަށް ވުރެން ގިނަ ވަޒީފާގެ ފުރުސަތުތަށް އެކި ދާއިރާ ތަކުން ޒުވާނުންނަށް ފަހިވެގެންދާނެ ކަމަށެވެ.

ޒުވާނުންނަށް މަތީ ތައުލީމު އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ޔޫތު ޗެލެންޖް ފެއަރ އަކީ 1999 ވަނަ އަހަރުން ފެށިގެން މެދުކެޑުމެއް ނެތި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.