04 Aug 2016, 18:48
ނޭޝަނަލް ބިއުރޯ އޮސް ސްޓެޓިސްޓިކްސްއިން މުޅި ރާއްޖޭގައި ކުރިޔަށް ގެންދާ، ގޭބިސީއާއި އާމްދަނީއާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ ރަމަޟާން މަހަށް މެދު ކަނޑާލުމަށް ފަހު، އަންނަ ހޮނިހިރު އަލުން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން މި ސާވޭގެ ޖުމްލަ ތިން ބުރެއް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިންމާފަ އެވެ. އެއަށް ފަހު ސާވޭގެ މަސައްކަތް ރަމަޟާން މަހަށް މެދުކަނޑާލެވުނެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ސާވޭގެ ހަތަރުވަނަ ބުރުގައި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން ހދ. އަތޮޅު، އއ. އަތޮޅު އަދި ތ. އަތޮޅުގަ އެވެ. އެގޮތުން މާލޭގެ އަށް ތަރަހައްދަކާއި ތިން އަތޮޅުގެ 30 ރަށެއްގައި ސާވޭ ކުރިޔަށް ދާނެ ކަމަށެވެ.
މި ސާވޭ މާލެއާއި ތިން އަތޮޅުގައި ފަށާނީ އޯގަސްޓް ހައެއް ވާ ހޮނިހިރު ދުވަހެވެ.
ސާވޭގެ ހަތަރުވަނަ ބުރު މާދަމާ ނޫން އަނެއް ދުވަހު ފަށާ އިރު، މި ސާވޭގެ މައިގަނޑު މަގްސަދަކީ ގޭބިސީތަކުގެ އެވަރޭޖް ޚަރަދާއި، އެކި ކަންކަމަށް ޚާރަދު ކުރާ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން ބޮލަކަށް ޖެހޭ ޚަރަދާއި އާމްދަނީއަށް ބަލައި، ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، އިންޕްލޭޝަން ރޭޓު އިސްލާހު ކުރުމާއި، ގޭބިސީގެ އެވަރޭޖު އާމްދަނީއާއި އާމްދަނީ ބެހިފައިވާ ގޮތާއި ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން ވެސް ސާވޭގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ސާވޭ ކުރުމުގައި ބައިވެރިވަނީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތަމްރީނު ކޮށްފައިވާ މީހުން ހިމެނޭ ޓީމުތަކެކެވެ.
އާމްދަނީއާއި ޚަރަދުކުރުންތަކުގެ ސާވޭއަކީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރާއްޖޭގައި ކުރެވޭ ސާވޭއެކެވެ.