04 Aug 2016, 17:52
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދިރާގަށް ލިބުނު ހިއްސާގެ ފައިދާގެ ގޮތުގައި 5.92 ރުފިޔާގެ އިންޓަރިމް ޑިވިޑެންޑު ބެހުމަށް ދިރާގުގެ ބޯޑުން ނިންމައިފި އެވެ.
ދިރާގުން އަހަރު ދެ ފަހަރު ހިއްސާ ބަހަ އެވެ. އެއީ ފުރަތަމަ ހަ މަސް ދުވަހުގެ ހިސާބުތައް ފާސް ކުރުމަށް ފަހު އެ ހަމަހުގެ ފައިދާ ނުވަތަ އިންޓަރިމް ޑިވިޑެންޑާއި، އަދި އަހަރީ ހިސާބުތައް ފާސް ކުރުމަށްފަހު އަހަރުގެ ފަހު ހަ މަސް ދުވަހުގެ ފައިދާއަށް ބަލާފައި ކަނޑައަޅާ ފައިނަލް ޑިވިޑެންޑެވެ.
ދިރާގުން މިއަދު ބުނީ ދިރާގުގެ ބޯޑުން އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ނިންމި 5.92 ރުފިޔާއަކީ މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑާ އަޅާ ބަލާއިރު 22 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ. މިދިޔަ އަހަރު އިންޓަރިމް ޑިވިޑެންޑަށް ބަހާފައި ވަނީ 4.84 ރުފިޔާ އެވެ.
އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ހަމަޖެހިފައި ވަނީ ޖުމުލަ 450 މިލިއަން ރުފިޔާ އެވެ.
ދިރާގުން ބުނީ އިންޓަރިމް ޑިވިޑެންޑު ބަހާނީ، އޯގަސްޓް 10 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން، ދިރާގުގައި ރަޖިސްޓަރު ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
ދެހާސް އެގާރަ ވަނަ އަހަރު ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ދިރާގު ލިސްޓު ކުރެވުނު ފަހުން ދިރާގުން ކޮންމެ އަހަރަކު ވެސް ދެ ފަހަރު ހިއްސާގެ ފައިދާ ބަހާފައި ވެ އެވެ.
ދިރާގުގެ ޖުމްލަ 76 މިލިޔަން ޝެއާ ވިއްކާފައިވާ އިރު، އޭގެ ތެރެއިން 39،520،000 ހިއްސާ ނުވަތަ 52 ޕަސަންޓާ އެކު މެޖޯރިޓީ ހިއްސާ އޮންނަނީ ބަހްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ ބީޓީސީ އައިލެންޑްސް ލިމިޓެޑުންނެވެ. ދިރާގުގެ 41.8 ޕަސަންޓު ހިއްސާ ދިވެހި ސަރުކާރަށް އޮންނަ އިރު، ބާކީ 6.2 ޕަސަންޓު ހިއްސާ (4،709،850) ހިއްސާ އޮންނަނީ އާންމުންނަށެވެ.