04 Aug 2016, 18:46
ދެމެހެއްޓެނިވި ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރެއްވުމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި ޚާއްސަ މުޝީރު ޑރ. ވިލީ މުޓުންގާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމާއި ޑިމޮކްރަސީ އަށަގެންނެވުމުގެ މަސައްކަތުގައި ކޮމަންވެލްތުގެ އެހީއަށް ދިވެހި ސަރުކާރުން ވަރަށް ގިނަ ފަހަރަށް އެދުނެވެ.
އޭގެ ތެރޭގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އޮތް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުވުމުގައި، އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތް ހަލުއިކޮށް، ހަރުދަނާ ކުރުމުގައި އެހީތެރިވެދޭނެ ޚާއްސަ މަންދޫބެއް ކޮމަންވެލްތުގެ ފަރާތުންކަނޑައަޅައިދިނުމަށް އެދިވަޑައިގަތެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ދިވެހި ސަރުކަރުގެ އެދުމުގެ މަތިން ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި މުޝީރުގެ މަގާމު ޑރ. މުޓުންގާ ގަބޫލު ކުރެއްވިކަމަށްޓަކައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އަދި ރާއްޖެއާ ކޮމަންވެލްތާ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ރައީސްއާއި ޑރ. މުޓުންގާ މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާއި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ކޮމަންވެލްތުގެ ޚާއްސަ މުޝީރު ޑރ. ވިލީ މުޓުންގާ ރާއްޖެ ވަޑައިގަތީ ޖުލައި 31 ވަނަ ދުވަހު އެވެ. އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، އިދިކޮޅު ކޯލިޝަން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނާއި، ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި ވެ އެވެ.
ޑރ. ވިލީ މުޓުންގާއަކީ ވަރަށް ފަހާ ޖެހެންދެން ކެންޔާގެ އުއްތަމަފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.