އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ބިލުގައި ހުރި ގިނަ ކަންތައްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއިން ތާއީދު ކުރާކަން ހާމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާ ކުރާ ޚާއްސަ ކޮމިޓީއަށް، ބިލާ ގުޅުންހުރި އެކިއެކި ފަރާތްތައް ހާޒިރުކޮށް ޚިޔާލު ހޯދުމުގެ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު، ބްރޯޑްކޮމްގެ މެމްބަރުން ވަނީ ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަން ޖެހޭނީ އަބުރު ނުގެއްލޭ ގޮތަށް ކަމަށެވެ.

ޝަހީބު ވިދާޅުވީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު، އިސްލާހުތަކަކާ އެކު ފާސް ކޮށްފި ނަމަވެސް ނޫސްވެރިކަން މަރުވީ ކަމަކަށް ނުބުނެވޭނެ ކަމަށެވެ.

އަބުރުގެ ބިލުގައި ޖޫރިމަނާގެ ގޮތުގައި ބައި ލައްކައިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެ އެވެ. ޝަހީބު ވިދާޅުވީ ޖޫރިމަނާ ބޮޑުކޮށް އޮތީ ކަމުގެ ސީރިއަސް ކަމަށް ބަލާފައި ކަމަށް ބެލެވޭ ކަމަށާއި އެއީ ޖޫރިމަނާ ނެގުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މިއަދު މެންދުރު ޕީއެސްއެމްގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރިއިރު، ޕީއެސްއެމްގެ ފަރާތުން ވަނީ އެ ބިލުގައި ނޫސްވެރިކަން ކުރުމަށް ހުރި ގޮންޖެހުންތަކުގެ ކަންބޮޑުވުންތައް ފާޅު ކުރައްވައިފަ އެވެ. އެގޮތުން ބިލުގައިވާ ގޮތަށް ޕޯޑިއަމްތަކުގައި ދެކެވޭ ވާހަކަތައް ރައްދުވާ ފަރާތެއްގެ ބަހެއް ނުހޯދައި ޚަބަރު ނުގެނެސްދެވޭނަމަ، އެ ޚަބަރުގެ މުއާމަލާތް ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީއެސްއެމްގެ އިސްވެރިން މިއަދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޕޯޑިއަމްތަކުގައި ދެކެވޭ ވާހަކަތައް ނޫސްވެރިން ރިޕޯޓު ކުރުމުގެ ފުރުސަތު ދިނުމަށް ޕީއެސްއެމްއިން މަޖިލީހުގެ ކޮމިޓީގައި އެދުނެވެ.

އެހެން ނަމަވެސް ޖޫރިމަނާއާ ބެހޭ ގޮތުން ޕީއެސްއެމްއިން ވަކި އެއްޗެއް ނުބުނެ އެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް ކޮމިޓީގައި ވިދާޅުވީ ޖޫރިމަނާ "ބޮޑެކޭ ވެސް ނުވަތަ ކުޑައެކޭ ވެސް ނުދަންނަވާނެ" ކަމަށެވެ.

އެ ދެ މުއައްސަސާއިން ވެސް ބުނެފައިވަނީ އަބުރަކީ ރައްކާތެރި ކުރެވެންޖެހޭނެ އެއްޗެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ރާއްޖޭގެ ހުރިހާ މީޑިއާ ސްޓޭޝަންތަކާއި ނޫސްތަކުގެ އިސްވެރިން ގެނެސް، އަބުރުގެ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު މަޖިލީހުން ދީފައިވާ އިރު، އެ ބިލާ ބެހޭގޮތުން އާންމުންގެ ޚިޔާލު ވެސް ހޯދުމަށް މަޖިލީހުން ވަނީ ނިންމާފަ އެވެ. ބިލާ ގުޅޭގޮތުން ޚިޔާލުތައް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުގެ ޒަރިއްޔާއިން ފޮނުވޭނެ އެވެ.