ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މިހާރު އޮތް ގޮތުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެ ކަމަށާއި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ސަން މީޑިއާ ގްރޫޕުގެ ޗީފް އެގްޒެގްޓިވް އޮފިސަރު ސިނާން އަލީ ވިދާޅުވެއްޖެ އެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި މިއަދު ހެނދުނު އޮތް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސިނާނު ވިދާޅުވީ ބިލުން ހާސިލު ކުރަން ބޭނުންވާ މަގުސަދަކީ އަބުރާ ބެހުން ހުއްޓުވުން ކަމަށާއި އެކަމަށް ތާއިދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިނިވަން މީޑިއާގެ ވެށީގައި އަބުރު ނަގާލެވިގެން ނުވާނެ ކަމަށާއި އަބުރާ ބެހެވިގެން ވެސް ނުވާނެ ކަމަށެވެ.

އަބުރުގެ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ސަން މީޑިއާއާ އެކު އެ ބިލު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ މެމްބަރުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރޭން: ސަން ފޮޓޯ

ބިލު މިހާރު އޮތް ގޮތަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ ބިލާމެދު ކަންބޮޑުވުންފާޅުކޮށް ސިނާން ވަނީ ބިލުގައި ހުރި ކަންބޮޑުވުންތައް ވަކިވަކި މާއްދާތަކުން ފާހަގަ ކުރައްވާފަ އެވެ.

ސިނާން ވިދާޅުވީ ބިލު މިހާރު އޮތް ގޮތުން "ތައުރީފު ކުރުމާއި ސަނާ ކިޔުން" ފިޔަވައި އިތުރު ކަމެއް ކުރަން ޖާގަ ނުދޭ ކަމަށެވެ.

އަހުމަދު އާމިރު (ފަރެސް އާމިރު) މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ: އާމިރު ވިދާޅުވީ ވިދާޅުވީ އަބުރަކީ އަދަދަކުން އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށް -- ސަން ފޮޓޯ

އޭނާ ވިދާޅުވީ ފާޑު ކިޔުމުން ކުށްވެރިވެދާނެ ކަމަށް މާނަ ކުރެވޭ މާއްދާތަކެއް ބިލުގައި ހުރި ކަމަށެވެ. އެގޮތުން ބިލުގެ 11 ވަނަ މާއްދާ (ހ)ގައި އަބުރާ ބެހުން މާނަކޮށްފައި ވަނީ ވަރަށް ފުޅާކޮށް ކަމަށާއި ކުރާ އިޝާރާތަކުން ވެސް އަދި ހަރަކާތަކުން ވެސް އަބުރާ ބެހެވިދާނެ ކަމަށާއި ސީދާކޮށްނާއި ނުސީދާކޮށް ބުނާ ބަހެއްގެ ސަބަބުން ވެސް ކުށްވެރިވެދާނެ ކަމަށް ސިނާނު ވިދާޅުވި އެވެ.

އަބުރުގެ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ސަން މީޑިއާއާ އެކު އެ ބިލު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ މެމްބަރުން މިއަދު ބޭއްވި ބައްދަލުވުމުގެތެރޭން-- ސަން ފޮޓޯ

އެ ބިލުގެ 11 ވަނަ މާއްދާ (ނ)އާ ހަވާލާދީ ސިނާން ވިދާޅުވީ އަބުރާ ބެހުމަކީ ތިން ވަނަ ފަރާތެއްގެ ނަޒަރުގައި ކުރާ ކަމެއްގެ ސަބަބުން ވެސް އަބުރާ ބެހުން ކަމަށް ބަލައި ކުށްވެރިވެދާނެ ކަމަށެވެ.

އޭނާ ހުށަހަޅުއްވާފައި ވަނީ އަބުރާ ބެހުން މާނަކޮށްފައިވާ ގޮތުން ތަފްސީލު ކުރަންޖެހޭ ކަމަށެވެ. އަދި އަބުރާ ބެހުމަކީ ކޮބައިކަން ކަނޑައަޅަންޖެހޭ ކަމަށް ވެސް ސިނާނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ސަން މީޑިއާ ގްރޫޕުގެ ޗީފް އެގްޒެގްޓިވް އޮފިސަރު ސިނާން އަލީ: އަބުރުގެ ބިލު އޮތް ގޮތުން މިނިވަން ނޫސްވެރިކަމަށް ގިނަ ހުރަސްތަކެއް އެޅޭނެ ކަމަށް ސިނާނު ވިދާޅުވި -- ސަން ފޮޓޯ

ސިނާން ވިދާޅުވީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ބުނެފައިވާ ޖޫރިމަނާގެ އަދަދުތަކާއި ޖަލު ހުކުމުގެ ވާހަކަ ފިޔަވައި އެހެން ކަންތައްތަކަކީ މިހާރު ވެސް ގާނޫނުތަކުން ހައްލު ހޯދެން ހުރި ކަންތައްތައް ކަމަށެވެ.

ސަން މީޑިއާގައި މަސައްކަތް ކުރައްވާ މީޑިއާ ކައުންސިލްގެ މެމްބަރު އަހުމަދު އާމިރު (ފަރެސް އާމިރު) މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ އަބުރަކީ އަދަދަކުން އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އަބުރުގެ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ސަން މީޑިއާއާ އެކު އެ ބިލު ދިރާސާކުރާ ކޮމެޓީގެ މެމްބަރުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ

ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ޙުސައިން ޙަސަން ވިދާޅުވީ އަބުރުގެ ބިލުގައި މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށްޓަކައި އިތުރު ދިފާއުތަކެއް ހިމަނަންޖެހޭ ކަމަށެވެ. އޭނާ ހުށަހަޅާފައި ވަނީ މިހާރު އަމަލު ކުރަމުންދާ އަބުރުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު 19 ވަނަ މާއްދާގައިވާ ދިފާއުތައް ބިލުގައި ހިމަނައިދިނުމަށެވެ.