ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު އޮތް ގޮތުން ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޖެހޭނީ އެ މަސައްކަތް ކުރުން ހުއްޓާލަން ކަމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)އިން މިއަދު ބުނެފި އެވެ.

އަބުރުގެ ބިލަށް ޚިޔާލު ހޯދުމުގެ ގޮތުން އެ ބިލު ދިރާސާކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން ޑައިރެކްޓަރު އަބްދުލް ފައްތާހު ވިދާޅުވީ އެބޭފުޅުން ފިލްމު ހަދަނީ ވަކި ފަރާތަކުން ހުއްދަ ހޯދުމަށްފަހު ކަމަށެވެ. އޭނާ ވިދާޅީ ދިވެހި ފިލްމުތައް ހެދުމަށްފަހު އެ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދެނީ ވަކި ފަރާތަކުން "ކްލެސިފައި" ކުރެވިގެން ކަމަށެވެ.

"މި ބިލުން {އަބުރުގެ ބިލު} އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް ބަނދެވިފައި. އަޅުގަނޑުމެންނަކަށް ނެތް ފިލްމެއް ހެދޭކަށް. އެއީ އަޅުގަނޑުމެން ހަތަރު މަސް ދުވަސް މި ހޭދަވަނީ ފިލްމެއް ހަދަން. އަނެއް އަށްމަސް ދުވަސް އަޅުގަނޑުމެން ޖެހޭނީ ކޯޓަށް ދިއުމާއި ފުލުސް އޮފީހަށް ދިއުމާ މިކަންތައްތަކުގައި އުޅެން. އެހެންވީމަ މިކަންތައްތަކުގައި އުޅެން ވެއްޖެނަމަ އަޅުގަނޑުމެން ޖެހޭނީ މި ދާއިރާ ދޫކޮށްލަން،" ފައްތާހު ވިދާޅުވި އެވެ.

އަބުރުގެ ބިލާ ގުޅޭގޮތުން ޑައިރެކްޓަރު ފައްތާހު ބިލު ދިރާސާކުރާ ކޮމެޓީގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެމްއެފްއޭގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ، ފިލްމެއް ހަދަނީ ޚިޔާލީ ވާހަކައެއްގެ މައްޗަށް ނުވަތަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. ނަމަވެސް އަބުރުގެ ބިލު މިހާރު އޮތް ގޮތުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހަދާ ކޮންމެ ފިލްމަކުން ވެސް އަބުރުގެ ދައުވާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ވޭތުވެދިޔަ 33 އަހަރު ދުވަހުގެ ތެރޭގައި ފިލްމީ ދާއިރާގައި ކޮށްފައި ހުރި މަސައްކަތްތަކަކީ މިލިއަނެއްހާ ރުފިޔާއާ ގާތަށް ހަރަދުކޮށްގެން ކުރާ މަސައްކަތް. ނަމަވެސް މިފަދަ ކަމެއް {އަބުރުގެ ކަމެއް} ދިމާވެއްޖިއްޔާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ދެކެން. އަދި ޖޫރިމަނާގެ އަދަދު 50،000 އާ ދެމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އޮތުމުން ފަހަރަކު ފިލްމަކުން އެ ޖޫރިމަނާ އެގޮތަށް ދާ ކަމަށްވަންޏާ އަޅުގަނޑުމެންނަކަށް މި ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަކަށް އެކަމެއް ނުކުރެވޭނެ،" މުހައްމާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މުހައްމާ ވިދާޅުވީ އަބުރަކީ ރައްކާތެރި ކުރެވިގެން ވާނެ އެއްޗެއްކަން ޚުދު އޭނާވެސް ގަބޫލު ކުރައްވާ ކަމަށެވެ.

މީހެއްގެ އަބުރު ކަތިލުމަކީ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައިވެސް ވަކި މިންގަނޑެއް ކަނޑައެޅިފައި ހުންނަންޖެހޭނެ ކަމަށެވެ.

އަބުރުގެ ބިލު ދިރާސާކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި ފިލްމް އެސޯސިއޭޝަންގެ ޗެއާޕާސަން މުހައްމަދު އަބްދުﷲ (މުހައްމާ) ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"މިސާލަކަށް މި ބިލަކީ ނޫސްވެރިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައި އޮތް ބިލެއް ނޫން ކަމަށް މުގައްރިރު ވެސް ފާހަގަކުރެއްވި. މި ބިލުން އެންމެ އާދައިގެ ނިކަމެތި މީހާއަށް ވެސް މި ބިލުން ދައުވާ ކުރުމުގެ ފުރުސަތު އެބަ ލިބޭ. އަޅުގަނޑު ހިތަށް އަރާ މިފަދަ ބިލެއް ހަދާއިރު މަޖިލިސް ތެރޭގައި އިއްޒަތްތެރި މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރެއްގެ އަބުރު ކަތިލަމުންދާއިރު، އެކަމަށްވެސް ބިލެއް ހަދާނެ ނަމައޭ،" މުހައްމާ ވިދާޅުވި އެވެ.

ޚިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.