04 Aug 2016, 16:21
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެން މަސައްކަތް ކުރަން ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ފުލުސް އޮފީހަށް ހާޒިރުވާން 14 ދުވަހުގެ މުއްދަތެއް ދީފި އެވެ.
ފުލުހުން މީގެ ކުރިން ވަނީ، މި ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައި ޗިޓު ހަވާލު ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ދެބޭފުޅުން ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމުން އެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މައްސަލައިގެ ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި، ޑރ. ޖަމީލާއި އަކްރަމަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމަށްޓަކައި މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރު ނުވެއްޖެނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ރައީސް ޔާމީން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނު މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން އާއި ކުރީގެ ޕުރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންއަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އެ މައްސަލައިގެ ޝަރީއަތުގައި، އެ މަސައްކަތުގެ އެންމެ އަޑީގައި ހުރީ ކުރީގެ ނައިބު ރައީސް ޖަމީލް ކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިޔަކު ވަނީ ބުނެފަ އެވެ.
ދެ ވަނަ އަށް ހެކިބަސްދިން މީހާ ބުނީ ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސް ޔާމީން ހައްޔަރުކުރުމުގެ އަޑީގައި ހުރީ ޑރ. ޖަމީލް ކަމަށާއި އެކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.