"ސެމްސަންގް ގެލެކްސީ ނޯޓް 7" ރަސްމީކޮށް ރާއްޖެއަށް މިރޭ ތައާރަފްކޮށް ޕްރީއޯޑާ ނަގަން ނިންމާފައިވާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުގެ މެނޭޖަރ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވީ ދިރާގާއި ސެމްސަންގާ ގުޅިގެން މިރޭ އެ ފޯނު ތައާރަފްކުރާއިރު ރާއްޖެއަށް އެ ޝަރަފް ލިބެނީ ދެވަނަ ގައުމުުގެ ގޮތުގައި ކަމަށެވެ.

"ނިއުޔޯކްގައި ލޯންޗް ކުރުމަށްފަހު ދެން އެހެންގައުމެއްގައި އަދި ނުކުރޭ، ރާއްޖޭގައި މިއޮތީ ސެމްސަންގުން ފުރުސަތު ދީފައި ނިއުޔޯކް ނަގާފައި." މިރުޝާން ވިދާޅުވިއެވެ.

މިރެއިން ފެށިިގެން ޕްރީ އޯޑާ ނެގުމަށް ނިންމާފައިވާއިރު އަގުތައް އެގަޑީގައި އިއުލާން ކުރާނެކަމަށްވެސް ދިރާގުން ބުންޏެވެ.

މިރޭ 8:00ގައި ދިރާގު ހެޑް އޮފީސް ތިރީގައި ބާއްވާ ހަފްލާއަށް ދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަަކށް ނޯޓް ހަތެއްގެ ފޯނު ދިނުމަށް ވަނީ ނިންމާފައިވާ ކަމަށް މިރުޝާން ވިދާޅުވިއެވެ.

ނޯޓް 7 އަކީ އައިރިސް ސްކޭނަރ އާއި ކާވްޑް ޑިސްޕްލޭ ހިމެނޭ ފޯނެކެވެ. ފެން ނުވަންނަ ގޮތަށް ހަދާފައިވާ ނޯޓު 7 ގައި 4 ޖީބީގެ ރޭމް އާއި، 12 މެގަ ޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެ އެވެ. މި ފޯނުގައި ހިމަނާފައިވަނީ، ކުއަލްކޮމް ސްނެޕްޑްރެގަން 820 ގެ ޕްރޮސެސަރ އެކެވެ.