04 Aug 2016, 15:32
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ސްރީލަންކާ ސްނައިޕަރު ލަހިރު މަޑުޝަންކަ ގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ސްނައިޕަރުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި މ. ލިލީޕާކް ފަޒީލް ހަމީދުގެ މައްޗަށް ވެސް ވަނީ އެ މައްސަލާގައި ދައުވާ އުފުލައިފައެވެ.
އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި އެނގި ހުރެ މީހަކު މެރުމުގެ ދައުވާގައި ބުނެފައި ވަނީ އަދީބާއި ފަޒީލް އިތުރު ބަޔަކާ ގުޅިގެން ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން ބަޑިޖަހާ މީހަކު ހޯދަން ރާވާފައިވާ ކަމަށެވެ. އަދި ރާވާފައިވާގޮތުގެމަތިން ސްރީލަންކާގެ ސްނައިޕަރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ދައުވާގައިވެއެވެ.
އެ މައްސަލާގައި އެފްއޭމްއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ މެމްބަރު އަދި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ ކޮއްކޮ ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާގައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނުކަން އެނގިހުރެ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާނޭ ފައިސާ އަދީބު ވިދާޅުވި ފަރާތްތަކަށް އޭނާ ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ދައުވާ ސާބިތުވިޔަސް މަރުގެ ހުކުމެއް ނާންނާނެއެވެ.