04 Aug 2016, 15:21
އެއްމެދު އިމާރާތް ނުވަތަ ފުލެޓެއް ގަންނަ ފަރާތްތަކުން ދައްކަންޖެހޭ 15 ޕަސެންޓް ޓެކްސްގެ ތެރެއިން އަލަށް ފުލެޓް ގަންނަ ދިވެހީންނަށް ޓެކްސް މާފްކޮށްދޭން ކޮމެޓީން ފާސްކޮށްފިއެވެ.
ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ދިރާސާ ކުރެއްވުމަށްފަހު ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީން މިއަދު ފާސްކޮށްފައިވަނީ ފުލެޓު ގަންނަ ކޮންމެ އުމުރެއްގެ ދިވެއްސަކުވެސް އޭނާ އަލަށް ގަންނަ ފުލެޓުން ދައްކަންޖެހޭ ޓެކްސް މައާފްވާގޮތަށެވެ.
ސަރުކާރުން ފޮނުވާފައިވާ އިރު ބުނެފައިވަނީ އަލަށް ފުލެޓު ގަންނަ މީހަކީ އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުމުން އެފުރުސަތު ލިބޭ ކަމަށެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީ-- ސަން ފޮޓޯ
އެކޮމެޓީގެ މުގައްރިރު އިބްރާހިމް ސުޖާއު ވިދާޅުވީ މިއީ މިސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތު މުހިންމު ނިންމުމަކަށްވާއިރު މިކަމުގެ ސަބަބުން ބޯހިޔާވަހިކަމަށް ލުއިގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
"މިބިލުގެ ސަބަބުން ގެދޮރުވެރިކަމަށް ބޭނުންވެފައިތިބި އެތައް ރައްޔިތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް މީގެން ލިބިގެންދާނެ،" ސުޖާއު ވިދާޅުވިއެވެ.
މިއަދު ކޮމެޓީއަށް ހާޒިރުވި އަށް މެމްބަރުންގެ އިއްތިފާގުން އެއިސްލާހް ފާސްކޮށްފައިވާއިރު އެއަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.
ގިނަ އަދަދެއްގެ ފުލެޓުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަމުންދާއިރު ޓެކްސް އުނިކުރުމަށް ނިންމީ ސަރުކާރުގެ ގެވެހިކުރުމުގެ ސިޔާސަތަށް ހެޔޮ ބަދަލެއް ގެންނައުމަށް ކަމަށާއި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރަމުން ގެންދާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އަބްދުﷲ ޔާމީން އެގޮތަށް ނިންމެވީ، އެކަމާ ގުޅޭގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.