04 Aug 2016, 14:59
އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގަނީ މަދު ބަޔަކު ކަމަށާއި އެހެންކަމުން ގިނަ ބައެއްގެ ހައްގު ހިމާޔަތްކުރުމަށްޓަކައި އެ ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ނުދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
މިހާރު މާލޭގައި ހިންގާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ، އެމްޑީޕީން މަދު ބަޔަކު މަގުތަކަށް އެއްވެ ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުންވާތީ އެފަރާތްތަކަށް ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށެވެ.
ހަމްދޫން އެހެން ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން " ކޮންމެ މީހަކަށް" ލިބިގެންވާ ކަމަށެވެ. އެހެންކަމުން ގިނަ ބައެއްގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި މަދުބައެއްގެ ހައްގު ހަނިކުރެވޭނެ ކަމަށް ހަމްދޫން ވިދާޅުވީ ގާނޫނުއަސާސީގެ ކޮން މާއްދާއެއްގެ ދަށުން ކަމެއް ނޭންގެއެވެ.
މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ހަމްދޫން ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ މާލެގެ މަގުތަކަކީ ބާރުބޮޑު މަގުތަކަކަށް ވެފައި އެގޮތަށް މަދުބަޔަކު ނުކުމެ ހިންގާ ސިޔާސީ ހަރަކާތް ހިންގުމުން މަގުތަކަށް ބާރުބޮޑުވެ ދުއްވާ މީހުންނަށް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް މަގުތަކުގައި ހިންގި ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ހަމްދޫން ވިދާޅުވީ "އެއީ ގައުމީ ކަމެއް" ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ލަވަ ޖަހައި، އަޑުގަދަކުރާ ބޭނުންކޮށްގެން ވާހަކަދައްކާތީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދަތިތަކާއި ކުރިމަތިވާ ކަަމަށް ހަމްދޫން ވިދާޅުވިއެވެ. އެހެންކަމުން އެ ހަރަކާތްތައް ހިންގުމަަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ދާދިފަހުން އެމްޑީޕީ ހަރުގޭގައި ޖަލްސާ ކުރިއަށް ދަނިކޮށް ކޯޓު އަމުރަކާ ނުލައި ފުލުހުން އެތަނަށް ވަނުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ނޫން ކަމަށް ހަމްދޫން ވިދާޅުވިއެވެ. ފުލުހުން އެތަނަށް ވަނީ ބަލައި ފާސްކުރަން ނޫން ކަމަށާއި އަދި މީހަކު ހައްޔަރު ކުރަން ނޫން ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.
ހަރުގެއަށް ފުލުހުންވަނީ ހުއްދަ ލިބިގެން އެތަނުގައި އަޑުގަދަ ކުރާތީ އެކަން ހުއްޓާލަން އެންގުން ކަމަށް ހަމްދޫން ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގެ ބޭރުގައި ކުރަނީ ބަދު ދުއާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅުއްވައި އެކަން އިއުލާނު ކުރައްވާފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްދޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒާއި ރަށްރަށުގެ މިސްކިއްތަކުގެ ބޭރުގައި ދުއާ ކުރާ ކަމަށް ބުނެ ހިންގާ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށެވެ. އެހެންކަމުން އެ ހަރަކާތަށް ފުރުސަތު ނުދެއްވާނެ ކަމަށް ހަމްދޫން ވިދާޅުވިއެވެ.
"އިދިކޮޅު ފަރާތްތަކުން ދުއާ ކުރަނީ ދެއްކުންތެރި ކަމުގެ ގޮތުން" ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އެހެންކަމުން އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ހިންގުމަށް ކުރާ ކަމެއް ކަމަށް ހަމްދޫން ވަނީ ވިދާޅުވެފައެވެ.