ބަންޑާރަ ނައިބު އޮފީހުގެ މަސައްކަތްތަކާ އެއްވަރަށް ތަމްރީނު ލިބިފައިވާ ވަކީލުން ނެތުމުގެ ސަބަބުން އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑަށް ދަތިވާ ކަމުގައި ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މުއިއްޒު އިއްޔެ ވިދާޅުވީ، މިހާރު ދައުލަތުގެ މައްޗަށް ހުށަހެޅޭ ދައުވާތަކަށް ބަލާއިރުގައި އެ މައްސަލަތަކުގައި ގާނޫނީ ވަކީލުންގެ ގޮތުގައި ވަޑައިގަންނަވަނީ މި ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވައިފައިވާ ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ. ނަމަވެސް، ދައުލަތް ދިފާއު ކުރަން ނުވަތަ ދައުވާ ކުރަން ވަޑައިގަންނަވަން ތިއްބެވި ބަންޑާރަ ނައިބު އޮފީހުގެ ގިނަ ވަކީލުންނަކީ "ތަޖުރިބާގެ ގޮތުން ވަރަށް ހަގު" ވަކީލުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ވަކީލުން ތަމްރީނު ހޯދައިފައި ވަނީ ހަމައެކަނި ރާއްޖޭގައި ކަމަށާއި ބޭރުގެ އެއްވެސް ތަމްރީނެއް ލިބިފައި ނެތް ކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އޭޖީ އޮފީހުގެ ވަކީލުންގެ ހުނަރުތައް މަތިކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން ދިފާއުކުރަން ޖެހޭ ނޫނީ ދައުވާ ކުރަން ޖެހޭ މައްސަލަތަކުގައި ވަޑައިގަންނަވާ ވަކީލުންގެ ފެންވަރު އަދި ހުނަރުތައް މަތިކުރުމުގެ ޕްރޮގްރާމްތަކެއް މިހާރުވާނީ އެކުލަވާލައިފައި. އެގޮތުން ވަކާލާތު ކުރުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތަކަކާއި ރާއްޖެ އިން ބޭރަށް ފޮނުވައިގެން ތަމްރީނުކުރުމާއި ބޭރުގެ ތަޖުރިބާކާރުން ގެނައުމުގެ ޕްރޮގްރާމްތަކެއް އެކުލަވާލަމުންދަނީ،" މިދިޔަ މާޗު މަހު ބަންޑާރަ ނައިބު އޮފީސް ހިންގެވުވާ ހަވާލުވެވަޑައިގެންނެވި ތަޖުރިބާކާރު ވަކީލު ވިދާޅުވި އެވެ.

މުއިއްޒު އިއްޔެ ވިދާޅުވީ، ބަންޑާރަ ނައިބު އޮފީހުން އެކުލަވާލަން ޖެހޭ 150 އަށް ވުރެ ގިނަ ގާނޫނީ ބިލު ހިމެނޭއިރު، އެ މަސައްކަތް ކުރައްވަނީ އެ އޮފީހުގެ ދެ ވަކީލަކު ކަމަށާއި އެކަމުގެ ސަބަބުން އެ މަސައްކަތައް ވެސް ހުރަސް އެޅޭ ކަމަށެވެ. އެހެންކަމުން ލެޖިސްލޭޓިވް ޑްރާފްޓް ތައްޔާރުކުރުމަށާއި ބަންޑާރަ ނައިބު އޮފީހުން އެހެން މުއައްސަސާތަކަށް ދޭން ޖެހޭ ގާނޫނީ ލަފާ ދިނުމަށް ލޯޔަރުން ތަމްރީނު ކުރަން ޕްރޮގްރާމްތަކެއް އެކުލަވާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އޮފީހުގެ މަސައްކަތާ އެއްވަރަށް ވަކީލުން ނެތް މައްސަލަ ވެސް ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ވޯކްލޯޑާ އަޅާބަލާއިރު އެކަށީގެންވާ އަދަދަކަށް ނެތް ]ވަކީލުން]. އަދި ހާއްސަ ގޮތެއްގައި އެއްވެސް ވަކީލެއް ނެތް މާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްވެފައި. އެހެންނަމަވެސް، ފަނޑިޔާރުންނާ ކޯޓުތަކާ ބެހޭ ގާނޫނަށް އައި ބަދަލުގެ ސަބަބުން ބައެއް މައްސަލަތަކަކީ ހަމަ އެރަށެއްގެ ކޯޓެއްގައި ހިންގަންޖެހޭ މައްސަލަތައްކަމަށްވާ އިރު އަޅުގަނޑުމެންގެ ވަކީލުން އެ ސަރަހައްދުތަކުގައި ނުތިބުކަމީ އަޅުގަނޑުމެންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް،" މުއިއްޒު ވިދާޅުވި އެވެ.

އަދި ތިން ވަކީލަކު ރިޑަންޑެންސީ ޕްރޮގްރާމްގެ ދަށުން ވަކިވާން ހުށަހަޅައިފައިވާ އިރު، އިތުރު ތިން ވަކީލަކު މިނިވަން މުއައްސަސާތަކަށް ބަދަލުވުމަށް ސިޓީ ހުށަހަޅައިވާއިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ ހަ ވަކީލަކު މަދުވެގެން ދާނެ ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެންގެ ފަންނީ މުވައްޒަފުންގެ ސްޓްރެންތު ]ބާރު[ ވަރަށް ކުޑަވާނެ. އެކަން ފޫބެއްދުމަށް އިތުރު މީހުން ހޯދަންވެސް އެބަޖެހޭ."