04 Aug 2016, 14:21
ހަލަބް(އޮގަސްޓް 4): ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވިހަ މާއްދާއެއް ބޭނުންކޮށްގެން ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައިވާ ހަލަބުގެ ސަރަހައްދަކަށް ހަމަލާ ދީފައިވާ ކަމަށް ރަޝިއާ އިން ބުނެފިއެވެ.
ރަޝިއާއިން ބުނި ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ވިހަ މާއްދާއެއް އެކުލެވޭ ޝެލްތަކުން ހަލަބުގައި އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީފައެވެ. އަދި އަންގާރަ ދުވަހު ދިން އެހަމަލާގެ ސަބަބުން ހަތް މީހަކު މަރުވެ 23 މީހަކަށް އަނިޔާވި ކަމަށް ރަޝިއާގެ ނޫސް އޭޖެންސީއަކުން ބުންޏެވެ.
އެމެރިކާއިން ދަނީ ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފަރާތަކަށް ހަތިޔާރު ފޯރުކޮށްދީ، ހަނގުރާމަވެރިން ތަމްރީނު ކުރަމުން ކަމުން ރަޝިއާއިން ވަނީ އެމެރިކާއާ އެމައުލޫމާތު ހިއްސާކޮށްފައެވެ.
ރަޝިއާއިން އެފަދައިން ބުނެފައި ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ އިދްލިބް ޕްރޮވިންސަށް ހޯމަ ދުވަހު ކްލޮރިން ގޭހުގެ ހަމަލާއެއް ދީފައިވާ ކަމަށް އެސަރަހައްދުގައި މީހުން ސަލަމާތް ކުރުމަށް ހަރަކާތްތެރިވާ ސީރިއަން ސިވިލް ޑިފެންސް ގުރޫޕުން ބުނެފައި ވަނިކޮށެވެ. އިދުލިބަށް ދިން ހަމަލާގެ ސަބަބުން 33 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް ޑޮކްޓަރުން ބުންޏެވެ. (ބީބީސީ)