26 May 2011, 14:43
ގުދުރަތީ އާ ހަތް އަޖައިބު މުބާރާތުން ރާއްޖެ ވަކިކޮށްފައިވަނިކޮށް އެ މުބާރާތުގައި ރާއްޖޭގެ ނަން ބޭނުންކުރަމުން ދާތީ ނިއު ސެވަން ވޮންޑާޒްއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން މިއަދު ދީފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ނިއު ސެވަން ވޮންޑާޒް މުބާރާތުގައި ރާއްޖެ ވާދަކުރަމުން އައީ ދައުލަތުގެ ސޮޔާއި ތައްގަނޑުން ހުއްދަ ލިބިގެން ކަމަށާއި ރާއްޖެ އެއްވެސް ތަނެއްގައި ތަމްސީލް ކުރެވޭނީ ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށެވެ.
"ދިވެހިރާއްޖޭގެ ނަން ބޭނުންކުރުމާ ދެކޮޅު ހަދަމުން ދާއިރު އެގޮތަށް ކަންތައްކުރާ ނަމަ ގާނޫނީ ފިޔަވަޅު އެޅުން ނޫން ގޮތެއް ނޯންނާނެ،" އެމްޕީއާރުސީގެ ނޫސްބަޔާނުގައި ނިއުސެވަން ވޮންޑާޒްއަށް އިންޒާރުދެމުން ބުނެފައިވެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު ފެށިގެން ނިއުސެވަން ވޮންޑާޒްއިން ދިވެހިރާއްޖެ ވަކިވުމަށް ކެބިނެޓުން ނިންމި ނަމަވެސް ނިއުސެވަން ވޮންޑާޒްއިން ބުނެފައިވަނީ ފައިނަލް ރައުންޑަށް ހޮވިފައިވާ 28 ފަރާތުގެ ނަން އެ މުބާރާތުން ވަކި ކުރާނީ ނިއުސެވަން ވޮންޑާޒްގެ ޓީމުން ކަމަށާއި އެރާއްޖެ އެ މުބާރާތުގައި ދެމި އޮންނާނެ ކަމަށެވެ.
ނަމަވެސް، އެމްއެމްޕީއާރްސީން ބުނީ އެއީ "ވަރަށް ހަމަ ނުޖެހޭ ވާހަކައެއް" ކަމަށެވެ.
އެމްއެމްޕީއާރްސީން ބުނަނީ، ނިއުސެވަން ވޮންޑާޒްގެ މުބާރާތާއި އެ މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކާއި ދޭތެރޭ ސުވާލު އުފެދޭ ކަމަށާއި އެގޮތުން އެ ފަރާތުން ދީފައިވާ ނަމްބަރުތަކަށް ނުގުޅޭއިރު، އެ ވެބްސައިޓުގެ ރަސްމީ އޮފީސް ހުރި ކަމަށް ބުނާ އެޑްރެސްގައި އެ އޮފީސް ނެތް ކަން ސަރުކާރަށް ފާހަގަކުރެވިފައިފާ ކަމަށެވެ.