04 Aug 2016, 11:59
ލަންޑަން (އޮގަސްޓް 4): އިނގިރޭސިވިލާތުގެ ލަންޑަނުގައި އިއްޔެ ވަޅިން ހަމަލާދީ އެކަކު މަރާލައި، ފަސް މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އެހަމަލާގައި މަރުވެފައި ވަނީ މުސްކުޅި އަންހެނެކެވެ. އަދި ޒަހަމްވެފައި ވަނީ އިތުރު ދެ އަންހެނުންނާއި ތިން ފިރިހެނުންނެވެ.
އެހަމަލާއާ ގުޅިގެން ފުލުހުން ވަނީ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އޭނާގެ ސިކުނޑީގެ މައްސަލައެއް ހުރި ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހަމަލާއާ ގުޅިގެން ފުލުހުން އާއްމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ދަނީ ކައުންޓާ ޓެރަރިޒަމް ޔުނިޓާއެކު އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއްކަން ޔަގީން ނުވި ނަމަވެސް، މައްސަލަ ބަލަމުން ދާނީ އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ވެދާނެ ކަމަށް ވިސްނައިގެން ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
އިއްޔެ އެހަމަލާ ދިން ލަންޑަނުގެ ރަސެލް ސްކޮއާ އަކީ ޔުނިވާސިޓީ އޮފް ލަންޑަން އާއި ބްރިޓިޝް މިއުސިއަމްއާ ކައިރީގައި އޮންނަ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ. (ސީއެންއެން)