ވޮޝިންޓަން (އޮގަސްޓް 4): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަރުކަށި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ވޯޓު ނުދޭނެކަން އެޕާޓީގެ މެންބަރުންގެ ތެރޭގައި ހިމެނޭ ހަރުކުލައިގެ ފަރާތްތަކުން ހާމަކުރަމުން އެބަގެންދެއެވެ.

ރިޕަބްލިކަން ޕާޓީގެ ނުފޫޒުގަދަ ބޭފުޅެއްކަމަށްވާ ކުރީގެ މާލީ ވަޒީރު ހެންކް ޕޯލްސަން ވިދާޅުވީ ޓްރަމްޕަކީ ރައްޔިތުން ގެ ވޯޓަކުން ހޮވަންޖެހޭ ވަރަށްވުރެ ހަރުކަށި ވިސްނުމެއްގެ ޝަޚްސިއްޔަތެއް ކަމަށާ އޭނާއަށް ވޯޓު ނުދެއްވާނެ ކަމުގައެވެ. ޕޯލްސަންގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ހެވްލެޓް ޕެކާޑް (އެޗްޕީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މެގް ވިޓްމެން ވެސްވަނީ ޓްރަމްޕަކީ އާދަޔާ ޚިލާފު ސިޔާސަތެއް ގެންގުޅުއްވާނެ ބޭފުޅެއްކަމަށް ސިފަކުރައްވައި އޭނާއަށް ވޯޓު ނުދެއްވާނެކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރުންގެ ތެރެއިން ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެންބަރުންވެސްވަނީ ޓްރަމްޕަކީ އާދަޔާ ޚިލާފަށް ހަރުކަށި އަދި ގޮތްނޭންގޭ ޝަޚްސިއްޔަތެއް ކަމަށް ސިފަކުރައްވައި އޭނާއަށް ވޯޓު ނުދެއްވާނެކަން ހާމަކުރައްވާފައެވެ.

މެގް ވިޓްމެން

ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރޭގައި ހިމެނޭ ހަރުކުލައިގެ ފަރާތްތަކަކީ މުސްކުޅި ފަރާތްތައް ކަމަށްވިޔަސް އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ މުއްސަނދި އަދި ކޭންޕޭނަށް ޚަރަދު ކުރެވޭވަރުގެ ތަނަވަސްކަން ލިބިފައިވާ ބޭފުޅުންނެވެ. އެޗްޕީ ކުންފުނީގެ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މެގް ވިޓްމެން ވަނީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ ކޭންޕޭނަށްވެސް ޚަރަދު ކުރައްވާނެ ކަމަށް ވިދާޅުވެއެވެ. ކުރިން އެކަމަނާއަކީ ރިޕަބްލިކަން ޕާޓީގެ ކޭންޕޭނާއި އެކްޓިވިޓީތަކަށް މިލިޔަނުން ޚަރަދު ކުރައްވާ ބޭފުޅެކެވެ. މުރާސިލުން ބުނާގޮތުގައި ޓްރަމްޕްގެ ކޭންޕޭން ހަރަކާތްތައް މިހާރުވެސް ކުރިޔަށް ގެންދަވަނީ ޕްރައިމަރީގައި ގެންދެވިގޮތަށް ހިކިހިއްވަރުގެ ވިސްނުމެއް ގައެވެ. އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަންވާފަދަ ޑީސެންޓް ޝަޚްސިއްޔަތެއްގެ ގޮތުގައެއް ނޫނެވެ.

މީގެބަދަލުގައި ހިލަރީ ކްލިންޓަންގެ ކޭންޕޭން ގެންދަވަނީ ވަރަށް ތަހުޒީބު ވިސްނުމެއްގައެވެ. މިހުރިހާ ދަތިތަކާއެކުވެސް ޓްރަމްޕަށް ތާއީދުކުރާ މީހުންގެ އަދަދުވެސް މާބޮޑަށް ދަށަށް ނުދާކަމަށް ޚަބަރުތައް ބުނެއެވެ. ޚިޔާލު ހޯދުމުގެ ފަހުގެ ސާވޭތައް ދައްކާގޮތުން ޓްރަމްޕާއި ހިލަރީއާ ދެމެދުވަނީ 9 ޕޮއިންޓްގެ ތަފާތެކެވެ. ޓްރަމްޕަކީ ވަރަށް އާދަޔާ ޚިލާފު ވާހަކަތައް ދައްކަވާ ބޭފުޅެކެވެ. އޭނާވަނީ މެދުއިރުމަތީ ހަލާކުކޮށްލީވެސް އެމެރިކާ ކަމަށް ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ގައުމުތައް ހަލާކުވީ އެމެރިކާ އެގައުމުތަކަށް ޑިމޮކްރަސީ ގެނަސް އަލުން ބިނާކުރުމުގެ ނަމުގައި އެގައުމުތަކާ ހަނގުރާމަކޮށްގެންނާއި ހަމަލާދީގެން އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވެ އޭނާވަނީ އެމެރިކާގެ ކުރީގެ ވެރިންގެ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފަޑުވިދަޅުވެފައެވެ.

ޓްރަމްޕްވަނީ އޭނާގެ ވެރިކަމުގައި ހަނގުރާމަކޮށްގެންނާއި އަސްކަރީ ހަމަލާތައް ދީގެން ގައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެމެރިކާ ކުރަމުން ގެންދާ ހަނގުރާމަތަކުގެ ސަބަބުން އެމެރިކާ ސިފައިންގެ އެތަށް ސަތޭކަ ބަޔަކު މަރުވެ އެމެރިކާއަށް ޓެރަރިޒަމްގެ ބިރު ކުރިމަތިވެފައިވާ ކަމަށް ތްރަމްޕް ވިދާޅުވެފައިވެއެވެ.

ހެންކް ޕޯލްސަން

ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕަށް ބޮޑަށް ސަޕޯޓް ކުރަނީ ދިރުއުޅުމުގެ ކަންތައްތައް ދަތިވެފައިވާ އެމެރިކާގެ ޒުވާނުންނެވެ. އެފަދަ ޒުވާނުން ބޭނުންވަނީ އެމެރިކާ އިން ދުނިޔޭގެ ގައުމުތަކަށް އަރައިގަނެ ކުރަމުން ގެންދާ ހަނގުރާމަތައް ހުއްޓާލުމަށްފަހު އެމެރިކާގެ އެތެރޭގެ ކަންކަން އިސްލާޙްކޮށް ރަނގަނޅުކުރުމަށެވެ. އަދި އެމެރިކާގައި މާލީ ހާލަތުދަށް އަދި ފުރްސަތުތައް މަދު ޒުވާނުންނަށް ރަނގަނޅު ދިރިއުޅުމެއް ހޯދައި ދިނުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ކުރުމަށެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކަކީ ވަރަށް ކުރީ ޒަމާނުގެ ބައު އިންފްރާސްޓްރަކްޗަރ ތައް ހުރި ސްޓޭޓްތަކެކެވެ. އެމެރިކާގެ ބަޖެޓްގެ ބޮޑުބައެއް ހަނގުރާމައާއި ތަޅާފޮޅުމަށް ޚަރަދު ކުރާއިރު އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ އިންފްރާސްޓްރަކްޗަރ ވަނީ ބައުވެ ޒަމާނާ ނުގުޅޭ ހާލަތުގައެވެ. އަދި ޣައިރު ގާނޫނީ ހިޖްރަ ބޮޑުވެ ޖަރީމާތައް ބޮޑުވެ އެތެރޭގެ އެތަށް ކަމެއްވަނީ ބޮއްސުންލާފައެވެ.

އެމެރިކާއަށް ޣައިރު ގާނޫނީ ގޮތުން ހިޖްރަކުރާމީހުންނާއި ވިސާ ހަމަވެގެންވެސް އެމެރިކާއިން ނުނުކުމެތިބޭ ބޭރުމީހުންގެ އަދަދު އެތަށް މިލިޔަނަކުން ގުނާލެވޭއިރު އެމެރިކާގެ ސަރުކާރު ތަކުން ވަނީ އެކަންކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައެވެ. އަދި އެމެރިކާގައި ޖަރީމާތައް އިތުވެ ހަރުކަށި އަމަލުތައް ގިނަވެފައިވާއިރު އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބިރުއޮތީ ބޭރުންނޫންކަމާއި އެތެރޭންކަމަށް އެމެރިކާގެ ގިނަޒުވާނުން މިހާރު ވަނީ ދެކެންފަށާފައެވެ.

ޓްރަމްޕްވަނީ އޭނާގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނީ އެމެރިކާގެ އެތެރޭގެ ކަންކަން ރަނގަނޅު ކުރުމަށް ކަމަށް ވިދާޅުވެފައެވެ. މިކަންކަމާ ގުޅިގެން ޓްރަމްޕަށް ތާއީދުކުރަނީ އެމެރިކާގެ ގައުމީ ވިސްނުމުގެ އަދި ދިރިއުޅުމުގެ ކަންކަން ދަތި ޒުވާނުންނެވެ. އެމެރިކާގެ ރައްޔިތުންނަށް އެމެރިކާގެ އެތެރެއިން މިއަށްވުރެ ތަނަވަސް އަދި ފަހި މުސްތަގްބަލެއް ހައްގުވާނެ ކަމަށް އެފަދަ ޒުވާނުން ދެކެއެވެ.

ނަމަވެސް ޓްރަމްޕްގެ މިވާހަކަ ތަކަކީ އެމެރިކާގެ ނިކަމެތި ޒުވާނުންގެ ވޯޓު ހޯދުމަށް އޭނާ ޖައްސަވާ މަޅިއެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ޓްރަމްޕްގެ ވެރިކަމެއްގައި އެމެރިކާ ދުނިޔޭގެ ގައުމުތަކަށް މާބޮޑަށް ނުރައްކާވާނެ ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. (ނޫސްއެޖެންސީތައް)