04 Aug 2016, 08:27
ދ. މާއެނބޫދޫ ކައުންސިލް އިދާރާގައި އަލިފާންރޯވެ އެކައުންސިލްގެ ބޮޑުބައެއް އަނދައި ހުލިވެއްޖެއެވެ. އެތަނުގައި ހުރި ހުރިހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ރޭ 3:20 ކަންހާއިރު ހިނގި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 5:50 ކަންހާއިރުއެވެ.
ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާއިރު އެކައުންސިލްގައި އަލިފާންރޯވި ސަބަބު އަދި ސާފެއްނުވެއެވެ.
އޮފިޝަލަކު ސަން އަށް ވިދާޅުވިގޮތުގައި އެކައުންސިލް އިދާރާގެ ހުރިހާ ޑޮކިއުމެންޓެއް އަނދާފައިވާއިރު އެތަނުގައި ސެކިއުރިޓީ ކެމެރާ ނުހުންނައިރު ސެކިއުރިޓީ ގާޑެއްވެސް ނުހުރެއެވެ.
އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެރަށު ކައުންސިލް އިދާރާގައި ސެކިއުރިޓީ ބެލެހެއްޓުމަށް މިއަހަރުވެސް ވަނީ އެއްލައްކަ ސާދަ ހާސް ރުފިޔާގެ ބަޖެޓެއް ދީފައެވެ. ނަމަވެސް މިދައުރަށް ކައުންސިލް އިންތިހާބްވި ފަހުންވެސް ސެކިއުރީޓީ ގާޑެއް ނުބަހައްޓައެވެ.
މާއެނބޫދޫ ކައުންސިލް އިދާރާ އަނދާ ހުލިވެފައިވާއިރު 2014 ވަނަ އަހަރު ތެރޭގައިވަނީ އެއިދާރާއަށް ކަޅުތެޔޮވެސް ޖަހާފައިވެއެވެ.