26 May 2011, 14:05
ރަފްހު: ޣައްޒާ އާއި މިސްރު ގުޅިފައިވާ ސަރަޙައްދީ ރޮނގު ދާއިމީ ގޮތެއްގައި ހުޅުވުމަށް މިސްރުން ނިންމައިފި އެވެ.
މިސްރުގެ ސަރުކާރުން ބުނިގޮތުގައި ޣައްޒާ އާއި މިސްރު ގުޅިފައިވާ ސަރަޙައްދީ ރޮނގުގައިވާ އެއްގަމު ބަދަރު (ރަފްހު ކްރޮސިން) ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 ން ހަވީރު 5 ށް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި މިއީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުން އެމީހުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް ރަށު ބަންދުން ފިލުވައި ފަލަސްތީނުގެ ރައްޔިތުންގެ ފަހަތުގައި މިސްރު އޮތްކަން ހާމަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
މިއީ، ފަލަސްތީނާ މެދު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދުވަސްވަރު ގެންގުޅުނު ހަރުކަށި ސިޔާސަތު މިސްރުގެ އާ ސަރުކާރުން ބަދަލުކުރިކަން ހާމަކޮށްދޭ ފިޔަވަޅެކެވެ. މުބާރަކްގެ ދުވަސްވަރު ޣައްޒާއާއި މިސްރުގެ ސަރަހައްދީ ރޮނގުއޮތީ ބަންދުކޮށްފަ އެވެ. ރަފްޙު ކްރޮސިން ބަދުކުރުމަކީ އިސްރާއީލާއި އެމެރިކާ ރުއްސުމަށް މުބާރަކް ގެންގުޅުއްވި ސިޔާސަތުގެ ބައެކެވެ.
މުބާރަކްގެ ދުވަސްވަރު ޣައްޒާ އާއި މިސްރުގެ ސަރަޙައްދީ ރޮނގު ހުޅުވަނީ ހަމައެކަނި ކާބޯތަކެއްޗާއި ބޭސް ޣައްޒާއަށް ވެއްދުމަށާއި ހާލުބޮޑު ބަލިމީހުން ފަރުވާއަށް ބޭރަށް ގެންދިޔުމަށް ބޭނުންވާ ހާލަތްތަކުގަ އެވެ. އެގޮތަށް ސަރަޙައްދީ ރޮނގު ހުޅުވުމުގެ ފުރްސަތުވެސް އެދުވަސްވަރު މިސްރުން ދީފައިވަނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ އިސްރާއީލުގެ އިތުރުން މިސްރުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގައި ވެސް ހަނާވާފަދަ ނިކަމެތި ހާލަތެއްގަ އެވެ.
މިސްރުުން އިއްޔެ ބުނިގޮތުގައި ރަފްޙު ކްރޮސިން ދާއިމީ ގޮތަކަށް ހުޅުވުމުން ފަލަސްތީނުގެ ރައްޔިތުން ރަށު ބަންދުން ސަލާމަތްވުމުގެ އިތުރުން ޣައްޒާއަށް ބޭނުންވާ މުދަލާއި ތަކެތިވެސް ދަތިކަމަކާނުލައި އެތަނުން އެތެރެކޮށް ބޭރުކުރެވޭނެ އެެވެ. މިސްރުގެ އެނިންމުމަށް އިސްރާއީލު ވަނީ ނުރުހުމާއެކު ފާޑުކިޔާފަ އެވެ.
މުބާރަކްގެ ދުވަސްވަރު މިސްރު ގެންދިޔައީ ފަލސްތީނުގެ ރައްޔިތުންނަށް އަނިޔާކުރުމުގައި އިސްރާއީލާ ބައިވެރިވެ އިސްރާއީލަށް އެއްބާރުލުން ދެމުންނެވެ. ނަމަވެސް ރައްޔިތުންގެ އުތުރިއެރުމެއްގައި މުބާރަކްގެ ހުދުމުހުތާރު ވެރިކަން ވައްޓާލުމަށްފަހު އެމެރިކާއާއި އިސްރާއީލުގެ ނުފޫޒު މިސްރުގެ ސިޔާސަތުންވަނީ ވަރަށްބޮޑަށް މިނިވަންވެ އަރަބިންނަށާއި މިސްރަށް މަސްލަހަތު ހުރި ގައުމީ ސިޔާސަތެއް މިސްރުން ވަނީ ގެންގުޅެން ފަށާފައެވެ. (އަލްޖަޒީރާ)