04 Aug 2016, 01:37
އުރީދޫ ދިވެހި ޕްރިމިއަރ ލީގްގައި ބީޖީ ސްޕޯޓްސްގެ މައްޗަށް 1-3ގެ ނަތީޖާ އަކުން ކްލަބް އީގަލްސް ކުރި ހޯދައި ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އެއް ޕޮއިންޓަށް އީގަލްސް އިން ފަރަގު ކުޑަކޮށްފިއެވެ.
ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އަށް 10 މެޗުން 21 ޕޮއިންޓް ލިބޭ އިރު ދެވަނައިގައި އީގަލްސް އޮތީ 20 ޕޮއިންޓާ އެކުއެވެ. މިރޭ މެޗުން ބަލިވި ބީޖީ އޮތީ ތިން ޕޮއިންޓާ އެކު ތާވަލުގެ ފުލުގައެވެ.
މިރޭގެ މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް 14 ވަނަ މިނެޓްގައި އަހުމަދު ޒާދު ވަނީ ގޯލެއް ކާމިޔާބުކޮށް އީގަލްސް އަށް ލީޑް ނަގައިދިފައެވެ. ޒާދު އެ ގޯލު ކާމިޔާބުކުރީ އަހުމަދު ރިޒުވާން ނަގައިދިން ކޯނަރެއް ބިދޭސީ ފޯވާޑް ރިސްޓޭ ނައުމޯވް ބޮލުން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
އީގަލްސްގެ އެ ގޯލަށް ފަހު އެ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އިރު 29 ވަނަ މިނެޓްގައި މުހައްމަދު ސެޑިކް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑް ފުޅާކޮށްދީފައެވެ. ސެޑިކް އެ ގޯލު ކާމިޔާބުކުރީ ރިޒްވާން ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
އެ މެޗުގައި އީގަލްސްގެ ފަރާތުން ފެނުނު ތިން ވަނަ ގޯލު މެޗު 69 ވަނަ މިނެޓްގައި ރިސްޓޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުބީން އިބްރާހިމް އެވެ.
މެޗުގައި ބީޖީއަށް ސުން ކަނޑުވާލަ ދިން ގޯލު 81 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ޑޭވިޑް އޮސާގީ އަޑެލޭކޭ އެވެ.
ލީގުގައި މާދަމާ ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހަވީރު ކުޅޭ މެޗުގައި ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓެވެ.