04 Aug 2016, 01:51
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްތަކާއި ޓީވީ ޗެނަލުތައް ބައިވެރިކުރި ބައްދަލުވުމުގައި ބިލާ ގުޅޭ ކަންބޮޑުވުންތައް މީޑިއާތަކުން ބަންޑުންކޮށްލައިފި އެވެ.
ބިލު ދިރާސާކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީން މިރޭ ވަނީ ތިން މީޑިއާއެއް ހާޒިރުކޮށް އަބުރުގެ ބިލަށް ހިޔާލު ހޯދާފައެވެ. އެގޮތުން އެންމެ ފުރަތަމަ ހާޒިރުކުރީ "މިހާރު" އޮންލައިން އެވެ. މިހާރުގެ ފަރާތުން ވާހަކަދައްކަވަމުން އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ، ބިލު މިހާރު އޮތް ގޮތަށް ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ ބިލު އަނބުރާ ގެންދިއުމަށް ފެންނަ ކަމަށެވެ.

މީޑިއާތައް ހާޒިރުކުރި ބައްދަލުވުމުގައި "މިހާރު" އޮންލައިންގެ ފަރާތުން އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"މި ބިލު އަނބުރާ ގެންދިއުމަށްފަހުގައި އަލުން މި ބިލު މަދަނީ މިންގަނޑުގެ މި މައްސަލަ އަލުން ގާނޫނެއްގެ ދަށުން ވިއަސް ނުވަތަ މިހާރު އަމަލުކުރަމުން އަންނަ އަބުރު ގެއްލުމުން މަދަދު ނަގައި ދިނުމުގެ ގަވާއިދުގެ ދަށުން ވިއަސް މިއަށްވުރެ ތަންކޮޅެއް ހަރުދަނާ މިއަށްވުރެ ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން އެ ގަވާއިދެއް އަލުން ވުޖޫދު ވެގެން އައުން،" އަހުމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީއާ މިއަދު މަޖިލީހަށް ހުށަހެޅިފައިވާ އަބުރުގެ ބިލުގެ ބައެއް މާއްދާތައް ހިލާފު ކަމަށެވެ. އޭނާ ވިދާޅުވީ ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް އަބުރާ ބެހުމުގެ ސަބަބުން ޖިނާއީ އަދަބު ދެވެން އޮންނަ ބައި މަދަނީ ބަޔަކަށް ހެދުމަށް ގޮވާލައިފައިވާ ކަމަށެވެ.
އަހުމަދު އަބްދުﷲ ސައީދު ވަނީ 2007ވަނަ އަހަރުން ފެށިގެން މަދަނީ ކަމެއްގެ ގޮތުގައި އޮތް އަބުރާ ބެހުން ކުއްލިއަކަށް ޖިނާއީ ކުށަކަށް ބަދަލު ކުރުމުން ސުވާލު އުފައްދަވާފައެވެ.

އަބުރުގެ ބިލު ދިރާސާކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީގެ މެމްބަރުން: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"އެއްވެސް ނޫސްވެރިއަކު ބޭނުމެއް ނުވޭ މީހެއްގެ އަބުރާ ބެހޭކަށެއް. ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް މީހެއްގެ އަބުރާ ބެހޭކަށް. އެހެންނަމަވެސް ފަހަރެއްގައި ލިޔެވޭ އެއްޗަކުން މީހެއްގެ އަބުރާ ބެހެވުމަކީ އެކަށީގެންވާ ކަމެއް. އެ ފުރުސަތު އޮންނާނެ، އަދި ދައްކާ ވާހަކައަކުން ވެސް މީހަކު ގަސްތަކާ ނުލައި ދައްކާ ވާހަކައަކުން ވެސް މީހެއްގެ އަބުރާ ބެހެވިދާނެ މީހެއްގެ އަބުރާ ބެހުމުގެ ގަސްތު ނެތަސް،" އަހުމަދު އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އަބުރުގެ ބިލަށް ހިޔާލު ހޯދުމަށް ދެވަނައަށް ކޮމެޓީގެ މެމްބަރުން ބައްދަލުކުރީ އަވަސް އޮންލައިނާ އެވެ. އަވަސް އޮންލައިންގެ ފަރާތުން ވާހަކަދެއްކެވި އެ ނޫހުގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވިދާޅުވީ އަބުރު ރައްކާތެރި ކުރަން ޖެހޭނީ ނޫސްވެރިކަން ވެސް ބާއްވައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ނޫސްވެރިކަން "ފަނާ" ނުކޮށް އަބުރު ރައްކާތެރި ކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މީޑިއާތައް ހާޒިރުކުރި ބައްދަލުވުމުގައި "އަވަސް" އޮންލައިންގެ ބޭފުޅުން އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގައި: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމުވެސް ހާސިލުކޮށްފައިވާ އާދަމް ހަލީމް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހު 88 ކަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އޮތް ބިލު ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގެ ނޫސްވެރިކަން "ފުރޮޅުމަކަށް" ދާނެ ކަމަށެވެ.
"އޭގެ މާނައަކީ ރާއްޖޭގައި މިހާރު ހުރި ނޫސްވެރިން ނުވަތަ ނޫސް އިދާރާތައް ކުރާނެ މަސައްކަތަކީ ލައިބްރަރީއަކުން ކުރާނެ މަސައްކަތް. ލައިބްރަރީ އަކުން ކުރާނެ މަސައްކަތަކީ ކޮބައިތޯ. އެއީ ދިވެހިރާއްޖޭގައި ހިނގި ކަމެއް ތާރީހަށްޓަކައި ނޯޓުކޮށްލާފައި ބޭއްވުން. ރާއްޖޭގައި އޮންނާނެ ކުރާ އެކިއެކި ކަންކަން ނޯޓު ކުރާނެ ފޮތެއް. އެ ފޮތުގައި ކުރާ ބޭނުން ރާއްޖޭގެ މީޑިއާ އިދާރާތަކުން ކުރާނީ،" މުންޑޫ އާދަމް ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާންމުންވެސް ބޭނުންވަނީ ރާއްޖޭގެ ނޫސްވެރިންނަކީ ވަރަށް މަތީ ފެންވަރުގެ ބަޔަކަށް ވުމަށް އެދޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ނޫސްވެރިކަން މިއަދު ތަރައްގީވެފައި އޮތީ އެ ލެވަލްގައި ނޫން ކަމަށް އާދަމް ހަލީމް ވިދާޅުވިއެވެ. އާދަމް ހަލީމް ވިދާޅުވީ ނޫސްވެރިން ތަރައްގީ ކުރުމުގައި ދިވެހި ދައުލަތަކުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އަބުރުގެ ބިލު ދިރާސާކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވާހަކަފުޅު ދައްކަވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"އަށްޑިހަ އަށްއަހަރު ވީ ތާރީހުގައި ދިވެހިރާއްޖޭގެ ދައުލަތަކުން ނޫސްވެރިކަން ތަމްރީނު ކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ނަތީޖާއަކީ އާންމުން ބޭނުންވާ ފެންވަރުގެ ނޫސްވެރިކަން ނެތުން. އެބޭފުޅުން ބޭނުންވާ ނޫސްވެރިކަން ނެތުން. އެކަމަކު ވަރަށް ގިނައިން ވިދާޅުވޭ އަޅުގަނޑުވެސް އަޑުއަހަން ނޫސްވެރިންނަކީ ނޫސްވެރިކަމަކީ ހަތަރުވަނަ ބާރޭ ބުނާ އަޑު." އާދަމް ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ގިނަ ކަންބޮޑުވުންތަކެއް ހުރުމުގައި މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލަށް އެއްވެސް އިސްލާހެއް ނައިސް ފާސްވެއްޖެނަމަ ރާއްޖޭގެ ނޫސްވެރިކަން މިހާރު ކުރަމުން އަންނަ ލެވަލްގައިވެސް ނުކުރެވޭނެ ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ޗެނަލް ތޭރަ ވެސް ވަނީ ހާޒިރުކޮށްފައެވެ. ޗެނަލް ތޭރައިން ހާޒިރުވި ފަރާތްތަކުން ވިދާޅުވީ އަބުރުގެ ބިލަކީ މިއަދު ރާއްޖޭގެ މުޖުތަމައު އޮތް ގޮތުން އަންނަންޖެހޭ ބިލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.