ހުޅުމާލޭގައި 145 ފްލެޓު އެޅުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ރެއިންބޯއާ ދެމެދު މިކަމުގެ އެއްބަސްވުން އެކުލަވާލީ އިއްޔެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސައިމަންއާއި ރެއިންބޯ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ.

މި ފްލެޓުތައް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ވޯޓާފްރަންޓު ސަރަހައްދުގައެވެ.

އެޗްޑީސީއިން ވަނީ ހުޅުމާލޭގެ ވޯޓާފްރަންޓުގައި ފްލެޓު އެޅުމަށް ގިނަ ކުންފުނިތަކަކާ ހަވާލު ކޮށްފައެވެ.

އެގޮތުން، އެ ސަރަހައްދުގައި 100 ފްލެޓު އެޅުމަށް އެޗްޑީސީއިން އެންސިސް ފިޝަރީސްއާ އޯގަސްޓް އެއްވަނަ ދުވަހު ހަވާލު ކޮށްފައިވާ އިރު، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އެޗްޑީސީއިން ވަނީ 72 ފްލެޓު އޭޅުމަށް ރެނާޓަސް ޕްރޮޖެކްޓްސްއާ ހަވާލު ކޮށްފައެވެ.

މީގެ އިތުރުން ޖޫން މަހުގެ ކުރީކޮޅު އެޗްޑީސީއިން ވަނީ 95 ފްލެޓު އެޅުމަށް ދަމާސްއާ ހަވާލު ކޮށްފައެވެ.

އެޗްޑީސީއިން މީގެ ކުރިން ވަނީ ފްލެޓު އަޅަން އެޕޯލޯ ހޯލްޑިންގްސް ކުންފުންޏާ ވެސް ހަވާލު ކޮށްފައެވެ. އެޕޯލޯއިން ހުޅުމާލޭގައި އަޅާ 97 އެޕާޓްމެންޓުގެ "" މަޝްރޫއު މި ހަފްތާގައި ވަނީ ރަސްމީކޮށް އިފްތިތާހު ވެސް ކޮށްފައެވެ.

އަދި ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އަޅާ 3،000 އެޕާޓްމެންޓާއި އޮފީސް ކޮމްޕްލެކްސް ހިމެނޭ "ސީލައިފް ކޮމްޕްލެކްސް" އިމާރާތުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ލަންކާގެ ކޮރަލް ހޯލްޑިންގްސްއާ މި ހަފްތާ ތެރޭގައި ހަވާލު ކޮށްފައި ވެއެވެ.