04 Aug 2016, 00:24
ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތަކުން ތައްޓެއް ލިބުނު އިރު ގައުމީ ޓީމްގެ ކޯޗަކަށް ހުރި ޖޯސެފް ޔަންކޭ ރާއްޖެ ގެނައުމަށް އެފްއޭއެމް އިން ނިންމައިފިއެވެ.
އެފްއޭއެމް އިން ދިން ދައުވަތު ގަބޫލް ކޮށް ސްލޮވާކިޔާގެ ޔަންކޭ ރާއްޖެ އަންނަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބް ކުރި ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެމެދު މިމަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުންނެވެ.
އެފްއޭއެމުން ބުނީ އެ މެޗު ކުޅުމުގެ މަގުސަދަކީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އިތުރަށް ވަރުގަދަކޮށް ސަޕޯޓަރުންގެ މެދުގައި ފުޓްބޯޅައިގެ ޖޯޝް އާލާކުރުމުގެ ގޮތުން އެއިދާރާއިން ފަށާ ޕްރޮގްރާމްގެ ތެރެއިން ހިމެނިގެން ކުރިއަށް ގެންދާ މެޗެއްގެ ގޮތުގައި ކަމަށެވެ.
ސްލޮވާކިއާގެ ގައުމީ ޓީމަށް ވެސް ކޯޗު ކަން ކޮށްދިން ޔަންކޭ ވަނީ މީގެ ކުރިން ދެފަހަރެއްގައި ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދީ 2008 ވަނަ އަހަރު ގައުމީ ޓީމް ރަން މެޑަލް ހޯދުމުގެ ކުރިން 2003 ވަނަ އަހަރު އެ މުބާރާތުން ރާއްޖެއަށް ރިހި މެޑަލް ވެސް ހޯދަދީފައެވެ.
އަށް އަހަރަށް ފަހު ޔަންކޭޒް ރާއްޖެ އަންނައިރު އެފްއޭއެމް އިން ވަނީ އޭނާ ގައުމީ ޓީމަށް ކޮށްދިން މަސަތްކަތްތަކުގެ އަގު ވަޒަން ކުރުމުގު ގޮތުން އެންމެ މަތީ ޝަރަފް އެރުވުމަށް ނިންމައިފައެވެ.