04 Aug 2016, 08:56
ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމު "މޮހެންޖޯ ދާރޯ" އަކީ އެހެން މީހެއްގެ ހިޔާލެއް ކޮޕީކޮށްގެން އުފައްދާފައިވާ ފިލްމެއް ނޫން ކަމަށް ބޮމްބޭ ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބޮމްބޭ ހައި ކޯޓުން އެ ފިލްމަކީ ކޮޕީކޮށްގެން އުފައްދާފައިވާ ފިލްމެއް ނޫން ކަމަށް ހުކުމް ކުރީ، އެ ފިލްމުގެ ވާހަކަ އާއި ޚިޔާލަކީ ފިލްމުގެ ޑައިރެކްޓަރު އާޝުތޯޝް ގޮވާރިކަރުގެ އެއްޗެއް ނޫން ކަމަށް ބުނެ އާކާޝްއަދިއްތުޔަ ލާމާ ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.
މިދިޔަ ޖުލައި މަހު ލާމާ ކޯޓަށް މައްސަލަ ހުށަހެޅީ، ޑައިރެކްޓަރު އާޝުތޯޝް ފިލްމު އުފައްދާފައި ވަނީ ވަގަށް ނަގާފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ އެވެ.
އެގޮތުން އެއީ އޭނާގެ ހިޔާލެއްގެ މައްޗަށް ލިޔެފައިވާ ވާހަކަ އެއް ކަމަށާއި، 2001 ވަނަ އަހަރު، އާޝުތޯޝްގެ ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ބައްލޫ ސަލޫޖާ ކިޔާ މީހަކަށް އެ ވާހަކައިގެ މައިގަނޑު ޚިޔާލު ހިއްސާކޮށްފައި ވާނެ ކަމަށް ލާމާ ބުނެފައިވެ އެވެ.
އަދި އެކަމާ ގުޅިގެން ސުވާލުކޮށް އާޝުތޯޝް އަށް މެއިލް ފޮނުވާފައި ވާނެ ކަމަށާއި، ކޯޓަށް މައްސަލަ ހުށަހެޅީ އާޝުތޯޝްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ކަމަށް ލާމާ ވަނީ ކޯޓުގައި ބުނެފަ އެވެ.
ނަމަވެސް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، އެފަދަ ކަމެއް ހިނގާފައިވާ ކަން ސާބިތު ނުވާ ކަމަށާއި، އަދި ފިލްމަކީ އެއްވެސް ގޮތަކަށް ކޮޕީ ކޮށްގެން އުފައްދާފައިވާ ފިލްމެއް ކަން ސާބިތު ނުވާ ކަމަށެވެ.
އޭގެ އިތުރުން ކޯޓުން ވަނީ، 1.5 ލައްކަ ރުޕީޒް އިން ލާމާ ޖޫރިމަނާ ވެސް ކޮށްފަ އެވެ. ކޯޓުން ބުނީ ލާމާ ޖޫރިމަނާ ކުރީ، މައްސަލަ ކޯޓަށް ވެއްދީ އާޝުތޯޝް އަށް ބިރުދެއްކުމުގެ މަގުސަދުގައި ކަމަށް އޭނާ ބުނެފައިވާތީ ކަމަށެވެ.
މަހާރަޝްތުރާގެ ހަނަފަސް ސަރަހައްދުގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ޖޫރިމަނާ ފައިސާ ހަދިޔާ ކުރުމަށް ވަނީ ނިންމައިފަ އެވެ.
ރިތިކްގެ ""މޮހެންޖޯ ދާރޯ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.