ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ އާއި އަދި އެކަމުގައި އެހީތެރިވި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮން މަންމަ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިޔާމު މިއަދު ވިދާޅުވީ އެ ދެ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެކަމާ ބެހޭ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

ނަމަވެސް ނަން ނުޖެހުމަށް އެދި ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކުރަމުން ދިއުމާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން އެ ކުއްޖާ ގެއިން ނުކުމެގެން ފިލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ހައްޔަރު ކުރީ ކޮންމެވެސް ކަމެއްގައި މާލެ އައިސް އުޅެނިކޮށް މާލެ އިން ކަމަށް ވެސް އޭނާ ބުންޏެވެ.

މިމަހުގެ 16 ވަނަ ދުވަހުވެސް 15 އަހަރުގެ އަންހެން ކުއްޖަކަ ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ކުޅުދުއްފުށިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.