03 Aug 2016, 23:46
ކުޑައިރުއްސުރެއް ވެސް ލަވަކިޔުންތެރިއަކަށް ވާން ބޭނުންވާ ކަމަށް ބޮލީވުޑްގެ ބަތަލާ ޒަރީން ޚާން ބުނެފިއެވެ.
ގިނަ ބައެއްގެ މަގްބޫލުކަން ހޯދި "ހޭޓް ސްޓޯރީ 3" ގައި ފެނިގެންދިޔަ ޒަރީން ބުނީ، ލަވައެއް ކިޔައިދިނުމަށް އެދި އޭނާ ގާތު އަހާނެ ދުވަހަކަށް އުއްމީދު ކުރާ ކަމަށެވެ. އަދި މިހާތަނަށް ލަވައެއް ކިއުމަށް ފުރުސަތެއް ހުށަހަޅާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"މިއީ މަޖާ ވާހަކައަކަށް ވެދާނެ އެކަމަކު ކުޑައިރު ވެސް އެކްޓަރަކަށްވުމަށްވުރެ އަހަރެން ބޭނުންވީ ލަވަކިޔުންތެރިއަކަށްވާން. އުއްމީދުކުރަނީ މުސްތަގްބަލުގައި މީހުން އަހަންނާމެދު ވިސްނާނަމަ އެކަން ކުރަން،" ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ޒަރީން ބުނެފައިވެއެވެ.
އަލީ އަފްޒަލް ފެނިގެންދާ ވީޑިއޯ ލަވަ، "ޕިޔާރު މަގާ ހޭ ތުމްހީ ސޭ"ގެ އާ މިއުޒިކް ވީޑިއޯއެއް ޓީ ސީރީސް އިން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން "ވީރު"ގެ ބަތަލާ ބުނީ، ގާތްކޮށް އުޅޭ މަންޒަރުތައް ކުޅުމަކީ އޭނާއަށް މަޖާ ކަމެއް ނޫން ކަމަށެވެ. އެއީ އެ މަންޒަރުތައް ނަގާއިރު އެތައް ބަޔަކު ބަލަން ތިބޭތީ ކަމަށް އޭނާ ބުންޏެވެ.
ތަމިލް އަދި ޕަންޖާބު ފިލްމުތަކުގައި ވެސް ފެނިގެންގޮސްފައިވާ މޮޑެލް ޒަރީން ޚާން ފިލްމީ ދާއިރާއަށް ނުކުތީ 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމު، "ވީރް" އިންނެވެ.