ސިވިލް ކޯޓުން މައްސަލަ ބާތިލްކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އަނެއްކާވެސް ޕީޕީއެމްއާ ދެކޮޅަށް ދައުވާކޮށްފިއެވެ.

އެ ދެ ބޭފުޅުން ކުރި ދައުވާފޯމް ކޯޓުން ބާތިލްކޮށްފައި ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ކޯޓުން އެންގި ގަޑިއަށް ކޯޓަށް ހާޒިރުނުވެގެންނެވެ.

ދެ މެމްބަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރައީސްގެ އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ބާތިލްކޮށްދިނުމަށް އެދި އެވެ. އަދި އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފައި ވެއެވެ.

ވަގުތީ އަމުރުގައި އެދިވަޑައިގެންފައި ވަނީ ޕާޓީގެ ރައީސްގެ ހުއްދަނެތި ޕާޓީގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންގެވި އެންގުމަށް އަމަލު ކުރުން ފަސްކުރުމަށް އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލައާ ގުޅިގެން ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި މިއަދު ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލާއި ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސިވިލް ކޯޓަށް ހާޒިރުކޮށްފައެވެ.

އެ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިފައިނުވާތީ ޝަރީއަތަށް ފޮނުވުމަށް އެދި އަލީމް މިއަދު ވަނީ ސިވިލް ކޯޓަށް ބަޔާނެއް ދެއްވާފައެވެ.