ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަން ބޭނުންވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ ނަސީމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްޓަކައި އޭނާ އަށް ޗިޓު ހަވާލުކުރަން ފުލުހުން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭނާ ރާއްޖޭގައި ނޫޅުއްވާތީ ޗިޓު ހާޒިރުކުރެވޭގޮތް ނުވި ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ނަސީމް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ ކީއްވެގެން ކަމެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.

ނަސީމަކީ އިދިކޮޅު އިއްތިހާދުގެ ޝެޑޯ ކެބިނެޓުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މިހާރު ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވެސް ފުލުސް އޮފީހަށް ހާޒިރުކުރަންޖެހޭ ކަމަށް މީގެކުރިން ފުލުހުން ވަނީ ބުނެފައެވެ.

އެ ދެ ބޭފުޅުން ވެސް ރާއްޖެއިން ބޭރުގައި އުޅުއްވާތީ ޗިޓު ހަވާލުކުރެވޭގޮތް ވަނީ ނުވެފައެވެ.

ޖަމީލާއި އަކުރަމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން އުޅެނީ ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނު މައްސަލައިގައެވެ.