03 Aug 2016, 20:06
ދިވެހިރާއްޖޭގެ އެކި ކަންކަމާ ގުޅޭގޮތުން އަރަބި ބަހުން ލިޔެފައިވާ ދެ ފޮތަކާއި އިސްލާމް ދީނާ ކުޑަކުދިންނާ ގުޅޭގޮތުން އަރަބި ޔުނިވާސިޓީއަކުން ނެރެފައިވާ ފޮތެއް ދިވެހި ބަހަށް ތަރުޖަމާކޮށް މިއަދު ނެރެފިއެވެ.
އެ ފޮތްތައް ނެރެފައި ވަނީ ސަލްސާ ރޯޔަލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ފޮތްތަކަކީ ދިވެހި ރާއްޖެއާ ގުޅޭގޮތުން އަރަބިބަހުން ލިޔެފައިވާ ދެ ފޮތަކާއި އަރަބި ފޮތެއް ދިވެހި ބަހަށް ތަރުޖަމާކޮށް ލިޔެފައިވާ ފޮތެކެވެ. ފޮތްތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
އަލްމާލްދީފް މިއުޛަނަތުލް އިސްލާމް ފިލް މުޙީތުލް ހިންދީ
އެއީ ދިވެހި ބަހުންނަމަ "ދިވެހިރާއްޖެ: އިންޑިއާ ކަނޑުގައިވާ އިސްލާމީ މުންނާރު" އެވެ. އެފޮތަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ލިޔުއްވާފައިވާ ފޮތެކެވެ. އެ ފޮތް ލިޔުއްވާފައި ވަނީ އަރަބިބަހުންނެވެ. އެ ފޮތަކީ ދިވެހިރާއްޖެއާ ބެހޭގޮތުން ދިވެހިރާއްޖޭގެ އާންމު މައުލޫމާތު ހިމަނާފައިވާ ފޮތެއްކަމަށާއި އެ ފޮތުގައި ރާއްޖޭގެ ތާރީހާއި ސަގާފަތާއި އާދަކާދަ އަދި އިޖުތިމާއީ އާއި އިގްތިސާދީ ގޮތުން ކުރިއާއި މިހާރު އޮތް ތަފާތާގުޅޭ މައުލޫމާތުތައް ހިމެނެއެވެ.
އޭގެ އިތުރުން މެދުމިން އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތްގޮތާއި ޒަމާނުއްސުރެ އިސްލާމީ ދައުލަތްތަކާ މެދު އޮންނަ ގާތް އަހުވަންތަ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިން ކުރަމުން އަންނަ މަސައްކަތާއި އިސްލާމީ ގައުމެއްގެ ގޮތުގައި އަބަދުވެސް ދިވެހިން ދެމިތިބޭނެކަމަށް ފާހަގަކުރައްވާފައިވެއެވެ.
ކުޑަކުދިންނާއި އިސްލާމްދީން
މިއަދު ތައާރަފްކުރި ދެވަނަ ފޮތަކީ "ކުޑަކުދިންނާއި އިސްލާމްދީން" އެވެ. އެފޮތަކީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ ލިޔުއްވާފައިވާ ފޮތެކެވެ. އެފޮތަކީ ޔުނިސެފްގެ އެދުމުގެ ތެރެއިން އަލް އަޒްހަރު ޔުނިވާސިޓީގެ ފަރާތުން އެކުލަވާލެއްވި ވަރަށް ހާއްސަ ދިރާސާއެއްގެ ދިވެހި ތަރުޖަމާއެވެ.
ފޮތް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ދިރާސާ ކޮށްފައި ވަނީ ކުޑަކުދިންނާއި މައިން ރައްކާތެރި ކުރުމާއި ބިނާކުރުމާއި އެކަންކަމާ ބެހޭގޮތުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެފޮތުގައި ސުންނަތުގައި ކުޑަކުދިންނަށް ދީފައިވާ ހިމާޔަތާއި އަދި އިސްލާމް ދީނުގައި ކުޑަކުދިންގެ މަގާމާއި އެކުދިން ތަރުބިޔަތު ކުރުމުގައި ކަންތައްތައް ކުރަންވީ ގޮތުގެ މައްޗަށް އަލި އަޅުވާލާފައިވެއެވެ.
އަލްއަންޝިޠަތުއްތިޖާރިއްޔާ ފީ ޖުމްހޫރިއްޔަތިލް މާލްދީފް
ފޮތާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ދިވެހި ވިޔަފާރިތަކާ ގުޅިގެން ފޮރިން އިންވެސްޓްމަންޓް ދާއިރާގައި ހަރަކާތްތެރިވާ އިރު، އެފަދަ ފަރާތްތަކަށް ކަޑައްތުކުރަން ޖެހޭ މަރުހަލާތައް ބަޔާންކޮށްދީފައިވާ ފޮތެކެވެ. އެގޮތުން ރާއްޖޭގައި ވިޔަފާރިކުރަން ހަދަން ޖެހެނީ ކހިހިނެއްތޯ އާއި ކަސްޓަމްސްފަދަ ތަންތަން މަސައްކަތް ކުރަނީ ކިހިނެއްތޯ އާއި ވިޔަފާރިއެއް ކުރުމަށް ކަނޑައެޅިގެން އިންވެސްޓެއް ކުރުމުގެ މަރުހަލާތަކަކީ ކޮބައިކަން ފަދަ މުހިންމު މައުލޫމާތުތައް ހިމަނާފައިވާ ކަމަށެވެ.
ފޮތް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ޖުމްލަ ގޮތެއްގައި ރާއްޖެއަށް އައިސް ވިޔަފާރިއެއް ކުރަން ބޭރުގެ ފަރާތަކަށް، އެއީ ދިވެހި ވިޔަފާރިވެރިންނާ ގުޅިގެން ވިޔަސް، އަދި ފޮރިން އިންވެސްޓްމަންޓްގެ ދާއިރާއިން ހުޅުވާލެވިފައިވާ ވިޔަފާރިއަކަށް ވީކަމުގައި ވިޔަސް އެކަން ކުރެވޭނެ ގޮތް، ގާނޫނާ ގަވާއިދުތަކުގެ ތެރެއިން ބަޔާންކޮށްފައި ވާނެ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.