ފުލުހުން ތަހުގީގުކުރާ މައްސަލައެއްގެ ހެކިބަހަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ސަން އަށް އެނގިފައިވާގޮތުގައި އިބޫ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 9:30 އަށެވެ.

ހެކިބަހަކަށް މިރޭ އިބޫ ފުލުސް އޮފީހަށް ހާޒިރުކުރާއިރު، އިދިކޮޅު އިއްތިހާދުގެ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދާދިފަހުން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

އެ ތިން ބޭފުޅުންގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސުވާލުކޮށްފައެވެ.