03 Aug 2016, 19:26
ޕޮކެމޯން ގޯ ކުޅޭ މީހުން ޕޮކެމޯން ހިފުމަށް މީހުންގެ އަމިއްލަ ތަންތަނަށް ހުއްދަ ނެތި ވަންނަމުން ދާ މައްސަލަ ބޮޑުވެ، ޕޮކެމޯން ގޯގެ ޑިވެލޮޕަރުން ނިންޓެންޑޯގެ "ނިއަންޓެކް"އާ ދެކޮޅަށް އެމެރިކާ މީހަކު ދައުވާ ކޮށްފިއެވެ.
އެމެރިކާގެ އެ މީހާ ކުރި ދައުވާގައި ބުނެފައިވަނީ، ޕޮކެމޯން ގޯ ކުޅުންތެރިން އޭނާގެ ގެދޮރުގެ ކުރިމަތީގައި ގިނަ އިރުތަކެއް ވަންދެން ތިބުމާއި، އެމީހުން އޭނާގެ ގޭގެ ދޮރުގައި ޖެހުން ފަދަ ކަންކަން ކުރާތީ އެކަމުގެ އުނދަގޫ ވާ ކަމަށެވެ.
އެ ދައުވާގައި ބުނާ ގޮތުގައި، ދުނިޔޭގައި ހުންނަ، މީހުންގެ މުދަލާތި ގެދޮރާއި އަމިއްލަ ތަންތަނުގެ ވެރިފަރާތުގެ ހުއްދަ ނުހޯދައި، އެތަންތަނާއި ތަކެތީގައި ވާޗުއަލް ޕޮކެމޯންތަކެއް "އާބާދު ކޮށްފައި" ވަނީ އެކަމުގެ ސަބަބުން އުފެދިދާނެ މައްސަލަތަކަށް ރިއާޔަތް ނުކޮށެވެ.
ޕޮކެމޯން ގޯ އަކީ ލޮކޭޝަން ބޭސްޑް ގޭމެކެވެ. ލޮކޭޝަން ބޭސްޑް އެކަންޏެއް ނޫނެވެ. އޮގްމެންޓެޑް ރިއަލިޓީ ގޭމެއް ވެސް މެއެވެ. މާނައަކީ އެ ކުޅެވެނީ އަސްލު ނުފެންނަ އެއްޗެހިތަކެއް ފޯނުން ފެންނާތީއެވެ. އަސްލު ދުނިޔޭގެ ތެރެ ފޯނުން ފެންނަނީ ޕޮކެމޯންތަކާ އެކުގައެވެ. ޕޮކެމޯން ހޯދައި، އެ ހިފުމަށް މަގުމަތީގައި ޖެހޭނީ ހިނގާށެވެ. ބައެއް ފަހަރު ގޭތެރޭގައި ވެސް ޕޮކެމޯންތައް އުޅެއެވެ.
މީގެ އިތުރުން މީހުން އާންމުކޮށް އެއްވެ އުޅޭފަދަ ސަރަހައްދުތަކާއި ޕާކުތަކުގައި ޕޮކެމޯން ޖިމްތަކާއި ޕޮކެސްޓޮޕްތައް ގާއިމުކޮށްފައި ހުރެއެވެ.
ޕޮކެމޯން ގޯއަކީ މިފަދަ ގޭމެއް ކަމުން، ދުނިޔޭގެ ބައެއް ތަންތަނުގައި، ޕޮކެމޯން ގޯ ކުޅުންތެރިން އެ ގޭމު ވަކި ސަރަހައްދުތަކެއްގައި ނުކުޅުމަށް ރަސްމީ ފަރާތްތަކުން އަންގާފައި ވެއެވެ.
އެގޮތުން އެމެރިކާގެ ހޮލޮކޯސްޓް މެމޯރިއަލް މިއުޒިއަމުން ވަނީ، އެ ދާރުލްއާސާރުގެ އެތެރޭގައި ޕޮކެމޯން ގޯ ނުކުޅުމަށް އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ޖަޕާނުގެ ހިރޮޝީމާ ޕީސް މެމޯރިއަލް ޕާކު، ޕޮކެމޯން ގޯއިން މުޅިން ރިމޫވް ކުރުމަށް އެތަނަށް ޒިންމާވާ ހިރޮޝީމާ ޕީސް މެމޯރިއަލް މިއުޒިއަމުން ޕޮކެމޯން ގޯގެ ޑިވެލޮޕަރުންގެ ކިބައިން އެދިފައި ވެއެވެ.
ުޕޮކެމޯން ގޯ ރިލީޒް ކުރެވުނު ދުވަސްވަރުން ފެށިގެން ދެ ތިން ހަފްތާ ވަންދެން ރާއްޖޭގައި ވެސް މި ގޭމް ކުޅެމުން ދިޔަ އިރު، ައެވެ. ބެލެވޭ ގޮތުގައި އެ ގޭމް އަލުން މި ސަރަހައްދަށް ލިބޭނީ ދެކުނު އޭޝިއާ ސަރަހައްދަށް އެ ގޭމް ރިލީޒް ކުރުމުންނެވެ. ނުވަތަ ދުނިޔެއަށް ވޯލްޑްވައިޑް ރިލީޒެއް ކުރުމުންނެވެ.
މާލޭގައި ވެސް ޕޮކެސްޓޮޕްތަކާއި ޖިމްތައް ބައެއް މިސްކިތްތަކުގައި ގާއިމު ކޮށްފައި ވާތީ، އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން ދެއެވެ. ވަކިން ޚާއްސަކޮށް އިސްލާމީ މަރުކަޒާއި އިސްލާމީ މަރުކަޒު މައިދާނުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ މި ގޭމު ކުޅެމުން ދިއުމުން އެކަމާ ބައެއް ފަރާތްތަކުން ނުރުހުން ފާޅު ކުރިއެވެ.