މުމްބާއީގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ރާއްޖޭގެ ގުޑްވިލް އެމްބަސެޑަރަކަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ޕްރަތީކް ބައްބަރު އިންޑިއާއިން މިއަދު އައްޔަންކޮށްފިއެވެ.

ގުޑްވިލް އެމްބެސަޑަރުންނަކީ އެމީހެއްގެ ދާއިރާ މެދުވެރިކޮށް ގައުމެއް ނުވަތަ ޖަމާއަތަކުން ކުރާކަމެއް އާއްމުންނަށް ޕްރޮމޯޓްކުރުމަށް އައްޔަންކުރާ ބައެކެވެ.

ރާއްޖެއަށް އައްޔަންކުރުމުން ޝައުގުވެރިވެފައިހުރި ޕްރަތީކް، އިންޑިއާގެ ބައެއް މީޑިއާތަކަށް ބުނީ، ރާއްޖެފަދަ ރީތި ގައުމަކާ ގުޅުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް އެގައުމަކަށް ޒިޔާރަތްކޮށް އެގައުމެއްގެ ރީތިކަން ބަލާލުމުގެ ފުރުސަތު އޮތް ގައުމެއްކަން ހާމަކޮށްދީ ޕްރޮމޯޓްކޮށްދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މުމްބާއީގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ އޮނަރަރީ ކޮންސޫލް ޝާލިން ތަންދޮން ވިދާޅުވީ، ރާއްޖެއާ ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖެއަކީ އެންމެންނަށް ވެސް ދެވޭނެ، އަގުގެ ގޮތުން ވެސް އެކަށީގެންވާ ތަނެއްކަން ޕްރަތީކް ޕްރޮމޯޓް ކޮށްދޭނެ ކަމަށެވެ.

ރާއްޖެ ޕްރޮމޯޓްކުރުމަށް ޕްރަތީކް މިއަދު ރާއްޖެ އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ރާއްޖެ އައިސް ސްކޫބާ ޑައިވިން އަދި ކައިޓް ސާފިން ފަދަ ހަރަކާތްތަކުގައި އޭނާ ބައިވެރިވާނެއެވެ. އަދި މިއީ ޕްރަތީކް ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ.

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ސްމިތާ ޕަޓިލް އަދި ހިންދީ އަދި ޕަންޖާބު އެކްޓަރު ރާޖް ބައްބަރު އަށް ލިބުނު ޕްރަތީކް ފިލްމު ކުޅުމުގެ ތެރެއަށް ނުކުތީ އުމުރުން އެންމެ 19 އަހަރުގައި ބޮލީވުޑްގެ މަޝްހޫރު ތަރި، އާމިރު ޚާން ޕްރޮޑިއުސްކޮށް 2008 ވަނަ އަހަރު ރިލީޒްކުރި ފިލްމު، "ޖާނޭ ތޫ.. ޔާ ޖާނޭ ނާ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ އަށް ފިލްމަކުން ފެނިގެން ގޮސްފައެވެ.