ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް 5000ރ. އަށް ވުރެ ދަށް ނޫން މިނިމަމް ވޭޖް ]އެންމެ ކުޑަވެގެން ދެވޭ އުޖޫރަ] އަކަށް ހަމަޖެއްސުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ސަރުކާރަށް ގޮވާލައިފި އެވެ.

ޓީމް އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި "ވަނީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހާލަތު ބިރުވެރިކަމާއި ފަގީރުކަމާއި އަދި އަޅުވެތިކަމުން ސަލާމަތްވެ، މިނޫން އެހެން ހާލަތަކަށް ބަދަލުކުރުމަށްޓަކައި މިނިމަމް ވޭޖެއްގެ ގޮތުގައި 5000.ރ އަށް ވުރެ ކުޑަނޫން އަދަދެއް ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ކަނޑައެޅުމަށް ސަރުކާރަށް ގޮވާލައި" ކަމަށެވެ.

މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ފަދަ އިގުތިސާދީ މައްސަލަތައް ހައްލުނުވެ، ދިގުލައިގެންދިއުމުގެ ސަބަބުން ފަގީރުންނާއި މުއްސަނދިންގެ ތަފާތު ބޮޑުވަމުންދާއިރު، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްރެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޓޫރިޒަމް އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓްވަމުން ދިއުމުން ސަލާމަތް ކުރުމަށްޓަކައި ވެސް އެ އުޖޫރަ ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމުގައި އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

އަދި ހަމައެކަނި ނުފޫޒު ގަދަ މީހުންގެ އަޑު އެހުމުގެ ބަދަލުގައި އެކަށީގެންވާ ދިރާސާއަކަށް ފަހު އެންމެ ދަށްވެގެން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވައިލައިފަ އެވެ.

ނަމަވެސް، ރާއްޖޭގެ ބޮޑެތި އިންޑަސްޓްރީތަކާއި މަޝްހޫރު ވިޔަފާރިވެރިން ވަނީ މިނިމަމް ވޭޖް ކަނޑައެޅުމާ ދެކޮޅު ހަދައިފަ އެވެ. ދާދިފަހުން ބޭއްވި ވިޔަފާރިވެރިންގެ ބައްދަލުވުމެއްގައި ވިޔަފާރިވެރިން ބުނެފައިވަނީ، މުވައްޒަފުންނަށް ދެވޭނެ އެންމެ ދަށް އުޖޫރައެއް ކަނޑައަޅުމަށް ސަރުކާރުން ނިންމުމަކީ ވިޔަފާރިތައް ބަނގުރޫޓް ވެދާނެ ކަމެއް ކަމަށެވެ.