ޒުވާން ފުރައިގެ ކުދިންގެ މެދުގައި ފަހަކަށް އައިސް އެންމެ މަގުބޫލު ސޯޝަލް މީޑިއާގެ ޝަރަފު މި އަހަރު ތެރޭގައި ސްނެޕްޗެޓުން ހޯދިއެވެ. އެއީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ފޭސްބުކްއާއި އިންސްޓަގްރާމް ވައްޓާލުމަށް ފަހުއެވެ.

އިންސްޓަގްރާމަކީ ފޭސްބުކުން ހިންގާ ފޮޓޯ ޝެއާރިން އެޕްއެކެވެ. އެހެންކަމުން އިންސްޓަގްރާމުން ބޭނުންވެފައި ހުރީ، ސްނެޕްޗެޓުން ހޯދި ޝަރަފު އިންސްޓަގްރާމުން އަލުން ހޯދުމެވެ.

ސްނެޕްޗެޓަކީ އިމޭޖް މެސެޖިންގ މަލްޓިމީޑިއާ އެޕް އެކެވެ. އޭގެން "ސްނެޕް"ގެ ގޮތުގައި ފޮޓޯއާއި ވީޑިއޯ ޕަބްލިޝް ކޮށްލެވޭ އިރު، ކޮންމެ ދުވަހަށް ވެސް ޚާއްސަ "ސްޓޯރީ"އެއް ލެވޭނެއެވެ. ދުވަހުގެ ސްޓޯރީއަކީ ފޮޓޯއާއި ވީޑިއޯއާ އެކު ކޮންމެ ދުވަހަކު ވެސް ހެދޭ ސްލައިޑްޝޯއެކެވެ. އެއީ 24 ގަޑިއިރު ހަމަވުމުން އަމިއްލައަށް ޑިލީޓުވާ އެއްޗެކެވެ. ޒުވާނުންގެ މެދުގައި ސްނެޕްޗެޓު މަޝްހޫރުވީ މިފަދަ ފީޗާ ތަކާ ހެދި ކަމަށް ވެދާނެއެވެ.

އެހެންކަމުން އިންސްޓަގްރާމުން ވެސް މި ވަނީ "ސްޓޯރީސް" ތައާރަފު ކޮށްފައެވެ. އިންސްޓަގްރާމްގެ އަޕްޑޭޓް 9.0.1 އެޕްސްޓޯރުތަކަށް މިއަދު ދޫކޮށްފައިވާ އިރު، މި އަޕްޑޭޓު ކުރުމުން ސްޓޯރީސް ފީޗާ ލިބޭނެއެވެ.

އިންސްޓަގްރާމް ސްޓޯރީސްގެ ތެރެއިން--

އިންސްޓަގްރާމް ސްޓޯރީސްގެ ތެރެއިން--

އިންސްޓަގްރާމް ފީޑަށް ދިއުމުން، ވާތް ފަރާތު މަތީ ކަނުގައި ޕްލަސް ފާހަގައެއް ފެންނާނެއެވެ. ސްޓޯރީސް ހުންނާނީ އެތަނުގައެވެ.

އެ ފާހަގައަށް ޓެޕްކޮށް، ބޭނުންވާ ސްޓޯރީއެއް ހަދައިލެވޭނެއެވެ. ފޮޓޯއާއި ވީޑިއޯ ވަގުތުން ނަގައި، އަދި ކުރިން ނަގާފައިވާ ފޮޓޯތަކާ އެއްކޮށް ސްޓޯރީ ހެދޭނެއެވެ.

މީގެ އިތުރުން ސްޓޯރީގައި ހިމެނޭ ފޮޓޯއާއި ވީޑިއޯތައް އެޑިޓު ކުރުމަށްފަހު، ސްނެޕްޗެޓުގައި ވެސް ހަދާ ފަދައިން ޑޫޑްލް ކުރުމާއި ޓެކްސްޓް ލެވުން ފަދަ ފީޗާތައް ބޭނުން ކުރެވޭނެއެވެ.

އިންސްޓަގްރާމް ސްޓޯރީސްގެ ތެރެއިން--

އެހެން މީހުންގެ ސްޓޯރީތައް، އިންސްޓަގްރާމް ފީޑުގައި މަތީގައި ފެންނަން ހުންނާނެއެވެ. އެ މީހެއްގެ ޕްރޮފައިލް ފޮޓޯއަށް ޓެޕް ކޮށްގެން ވެސް އޭނާގެ ސްޓޯރީތައް ބަލައިލެވޭނެއެވެ. މީހެއްގެ އެކްޓިވް ސްޓޯރީއެއް ވާ ނަމަ، އޭނާގެ ޕްރޮފައިލް ފޮޓޯ ވަށައިގެން ރެއިންބޯ ރިންގެއް، ނުވަތަ ރެއިންބޯ ކުލައިގެ ފަށަލައެއް ފެންނަން ހުންނާނެ އެވެ.

އިންސްޓަގްރާމް އެކައުންޓަކީ ޕަބްލިކް އެކައުންޓެއް ނަމަ، އަޕްލޯޑު ކުރާ ސްޓޯރީ ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ. ނަމަވެސް އެކައުންޓް ޕްރައިވެޓް ނަމަ ސްޓޯރީތައް ވެސް ޕްރައިވެޓް ވާނެއެވެ. މީގެ އިތުރުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ސްޓޯރީ ނުފެންނަ ގޮތަށް ވެސް ސްޓޯރީ ޝެއާ ކުރެވޭނެއެވެ.

ސްނެޕްޗެޓް ފަދައިން، އިންސްޓަގްރާމްގެ ސްޓޯރީތައް ވެސް ބެލީ ކޮން ބައެއްކަން، ސްޓޯރީ ޝެއާކުރި ފަރާތަކަށް ބަލައިލެވޭނެއެވެ.

އިންސްޓަގްރާމުން ބުނީ، އާ އަޕްޑޭޓާ އެކު ކުރިޔަށް އޮތް ހަފްތާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންސްޓަގްރާމް ސްޓޯރީސްގެ ފީޗާ ދޫކުރަމުން ދާނެ ކަމަށެވެ.