03 Aug 2016, 18:01
ނަމާދު ވަގުތުތަކުގައި ގޮވާ ބަންގިއާއި، ނަމާދު ކުރަން ފެށުމުގެ ކުރިން ދޭ ޤަމަތާއި ދެމެދު ހޭދަ ކުރަންވީ ވަގުތުގެ މިންވަރު އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ސްޓޭޓު މިނިސްޓަރު އަލީ ވަހީދު ސޮއި ކުރައްވައި، ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ، އެގޮތަށް ކަނޑައެޅީ، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ބަންގިއާއި ޤަމަތާއި ދެމެދު ހޭދަވާ ވަގުތު އެއް މިންވަރެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ފޮނުވި މި ސާކިއުލާގައި ބުނެފައިވާ ގޮތުގައި، ފަތިސް ނަމާދުގައި ބަންގިއާއި ޤަމަތާއި ދެމެދު ހޭދަ ކުރަންޖެހެނީ ހަތް މިނިޓެވެ.
އަދި ފަތިސް ނަމާދު ފިޔަވައި، އެހެނިހެން ނަމާދުތަކުގައި ބަންގިއާއި ގަމަތާ ދެމެދު ހޭދަ ކުރަންޖެހެނީ ފަސް މިނިޓު ކަމަށް މިނިސްޓްރީން އަންގާފައި ވެ އެވެ.
ކޮންމެ ނަމާދަކާ ވެސް ގުޅިގެން ނަމާދުގެ ބަންގިއާއި ގަމަތާއި ދެމެދު، އަދި ބައެއް ނަމާދުތަކަށް ފަހު ރަވާތިބު ސުންނަތް ނަމާދު ކުރެ އެވެ.
އެގޮތުން ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތުގެ ރަވާތިބު ސުންނަތް ކުރާ އިރު، މެންދުރު ނަމާދާއި އަސުރު ނަމާދުގެ ބަންގިއާއި ގަމަތާ ދެމެދު ބައެއް މީހުން ރަވާތިބު ސުންނަތުގެ ހަތަރު ރަކުޢަތް ވެސް ކުރެ އެވެ. އަދި މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތުގެ ރަވާތިބު ސުންނަތް ކުރެ އެވެ. މީގެ އިތުރުން މަޣުރިބު ނަމާދާއި އިޝާ ނަމާދުގެ ބަންގިއާއި ގަމަތާއި ދެމެދު، އަދި ނަމާދަށް ފަހު ދެ ރަކުޢަތުގެ ސުންނަތް ނަމާދު ކުރެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ނިންމުމާ ގުޅިގެން އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ފޭސްބުކްގައި ވިދާޅުވީ، ރަވާތިބު ސުންނަތުގެ ހަތަރު ރަކުޢަތް ކުރާ ނަމާދުތަކުގައި ފަސް މިނިޓު ތެރޭގައި ހަތަރު ރަކުޢަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުން، އެ ގަވައިދަކީ ރަވާތިބު ސުންނަތް ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
"ދީނުގެ މިފަދަ ކަންކަމުގައި ގޮތް ނިންމާ އިރު މަޝްވަރާ އަހަންޖެހޭ ފަރާތްތަކުގެ އަނގަ ބަންދު ކުރުވަން ނޫޅެ، އެ ފަރާތްތަކާ މަޝްވަރާ ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލަން،" ޑރ. އިޔާޒް ވިދާޅުވި އެވެ.