03 Aug 2016, 15:46
ރާއްޖޭގައި އުކާލާ ޕްލާސްޓިކުން އެޑިޑާސް ކުންފުނިން ހަދާފައިވާ ބޫޓެއް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ.
އެ ބޫޓު ރައީސްއަށް އެރުވީ މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމެއްގައި، ބަޔޯޑައިވާސިޓީ އެޑިޔުކޭޝަން އެންޑް އެވެއާނަސް (ބީމް) ގެ ފައުންޑިން މެންބަރެއް ކަމަށްވާ ޝާހީނާ ޢަލީ އާއި، ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "ޕާލޭ" ގެ ފައުންޑިން މެންބަރު ސިރިލް ގުޝްސްއެވެ.

ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ފަސް މިލިޔަން ހަ ސަތޭކައަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެޑިޑާސް ކުންފުންޏަށް ފޮނުވާފައިވާކަމަށް ސިރިލް ގުޝްސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މި ފަދަ މުހިންމު މަޝްރޫއެއްގައި ހަރަކާތްތެރިވާ ކަމަށްޓަކައި މަރުހަބާ ދައްނަވާފައެވެ.
އެބޫޓުތައް ހަދަނީ ރާއްޖޭގައި އުކާލާ ޕްލާސްޓިކާއި، ފަރުތަކާއި، މޫދު ސާފުކޮށްގެން ނަގާ ޕްލާސްޓިކް ބޭނުންކޮށްގެން ނެވެ. ރައީސްއަށް ހަދިޔާކޮށްފައިވަނީ ހޭންޑްމޭޑް 100 ބޫޓުގެ ތެރެއިން ބޫޓެކެވެ.