ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީން) ދެކޮޅު ހަދައި އެ ބިލު އިސްލާހު ކުރުމަށް ކަންތައްތަކެއް ހުށަހަޅައިފި އެވެ.

ައަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލައިފައިވާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީން މިއަދު ވަނީ އަބުރުގެ ބިލާ ގުޅޭ ގޮތުން އެމްއެމްސީގެ ހިޔާލު ހޯދާފަ އެވެ.

އެގޮތުން މިއަދުގެ ބައްދަލުވުމުގައި އެމްއެމްސީގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ އަބުރަކީ ރައްކާތެރި ކުރެވެން ޖެހޭނެ އެއްޗެއް ކަމަށާއި ނަމަވެސް މިއަދު މަޖިލީހަށް ހުށަހެޅިފައިވާ އަބުރުގެ ބިލުން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކެއް ހަނިވެގެންދާ ކަމަށެވެ. އަދި ވިދާޅުވީ މީޑިއާއަށް ފަހި މާހައުލެއް ގާއިމު ކުރުން އެއްކޮށް ނައްތާލެވޭ ގޮތަށް ބިލު ފަރުމާ ކުރެވިފައިވާ ކަމަށް ސަން އޮންލައިނުގެ ޑެޕިއުޓީ އެޑިޓަރުކަން ވެސް ކުރައްވާ ހުސައިން ވިދާޅުވި އެވެ.

އެމްއެމްސީގެ މެމްބަރު ހުސައިން ހަސަން އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގައި މިއަދު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްސީގެ މެމްބަރު އަހުމަދު ހަމްދޫނު ވިދާޅުވީ ބިލާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ މީޑިއާއިން ހަބަރުތައް ކަވަރު ކުރުން އެއްކޮށް ހުއްޓުވޭނެފަދަ މާއްދާތައް އަބުރުގެ ބިލުގައި އެބަ ހުރި ކަމަށެވެ. ހަމްދޫނު ވިދާޅުވީ އެފަދަ ގޮތަކަށް ބިލުގެ މާއްދާތައް ހުރި ކަމަށްވާ ނަމަ ނޫސްވެރިން ލިޔަން ޖެހޭނީ އެންމެ އާދައިގެ ހަބަރުތައް ކަމަށެވެ.

"ރާއްޖޭގެ މާހައުލުގައި މީހުން އެންމެ އަޑުއަހާ އަދި މީހުން އެންމެ ކިޔާ ސިޔާސީ ބައި އަޅުގަނޑުމެންގެ މާހައުލުން ދާނެ، އުނދަގޫވާނެ އެފަދަ ހަބަރުތައް ކަވަރު ކުރަން އަޅުގަނޑުމެން ދާންޖެހޭނީ މުނިފޫހިފިލުވުން ކުޅިވަރު އެކަހަލަ އެއްޗެހިންތަކާ ދިމާލަށް. މިއީކީއެއް އަޅުގަނޑެއް ގަބޫލެއް ނުކުރަން މުޖުތަމައުގެ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ކަމަށެއް. އެއަށް ވުރެ ބޮޑަށް އެއަށްވުރެ ފުޅާކޮށް މީޑިއާގައި ހަބަރުތައް ކަވަރުކުރެވެން،" ހަމްދޫނު ވިދާޅުވި އެވެ.

އެމްއެމްސީގެ މެމްބަރު އަހުމަދު ހަމްދޫން މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބައްދަލުގައި ހުސައިން ވިދާޅުވީ އަބުރާ ބެހުމުގެ ބިލު މާނަކޮށްފައި އޮތީ ފުޅާކޮށް ކަމަށެވެ. އަދި ވިދާޅުވީ ބިލުގައި ބައެއް މާއްދާތައް ތަފްސީލުކޮށް ބަޔާންކޮށްދީފައި އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެދު ވާހަކަ ފެތުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. އެކަމުގައި އަޅުގަނޑުމެން ނޫސްވެރިން މި ތިބީވެސް. ނޫސްވެރިން މަސައްކަތް ކުރަންވެސް ޖެހޭނީ އެގޮތަށް. ނަމަވެސް މި ބިލު ބުނާ ގޮތުގައި ސާބިތު ކޮށްދޭން އެބަޖެހޭ ނޫސްވެރިޔާ އެ ދައްކާ ވާހަކައަކީ ތެދު ވާހަކައެއް. ގާނޫނު އަސާސީގެ 28ވަނަ މާއްދާގައި އެއްވެސް މައުލޫމާތެއްގެ މަސްދަރެއް ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް. އެހެންވީމަ މި ބިލުން މަސްދަރު ހާމަކުރުމަށް އޮންނަ މާއްދާ ވެސް ނިގުޅައި އެބަ ގަނެވޭ،" ހުސައިން ވިދާޅުވި އެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ވަގުތީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

އަބުރުގެ ބިލަށް ގެންނަން ހުށަހެޅި ބައެއް އިސްލާހުތައް:

  • ޖޫރިމަނާގެ އަދަދު ކުޑަކުރަން
  • ޖޫރިމަނާ ދެއްކުމަށްފަހު އިސްތިއުނާފު ކުރުމަށް އޮތް އޮތުން އިސްލާހުކުރަން
  • ޖަލު ހުކުމަށް އޮތް މިންވަރު ލުއިކުރުން
  • ނޫސްވެރިންނަށް އެމީހުންގެ ދިފާއުގައި ތެދުވެވޭނެ ކަންކަން އިތުރުކުރުން
  • ނޫސްވެރިންގެ މަސައްކަތް ހަނި ނުކުރެވޭ ގޮތަށް ބިލު ބައްޓަން ކޮށްދިނުން

އެމްއެމްސީގެ މެމްބަރު ހިދާޔަތުﷲ (ވ): ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ކޮމެޓީގައި އެމްއެމްސީގެ މެމްބަރު ހިދާޔަތުﷲ ވަނީ އަބުރުގެ ބިލު ފާސްވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ޓީވީތަކަށް ބްރޯޑްކާސްޓު ކުރެވޭނެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އޭނާ ވަނީ އެ ބިލު ފާސްވެފައި އޮތް ނަމަ ރާއްޖޭގެ ތާރީހުގައި ވެސް ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ނޫސްވެރިން ރިޕޯޓު ކުރާނެ ގޮތާ މެދު ސުވާލު އުފައްދަވާފަ އެވެ.

"މި ބިލު އަންނަންޖެހޭ. މި ބިލު އަންނަންޖެހޭއިރު އެބަޖެހޭ މުއައްސަސާތަކެއް ވެސް މިކަމަށް އުފައްދަން. މިއަދު ބްރޯޑްކޮމާ އެމްއެމްސީ އޮތްއިރުގައި ދެތަން މަސައްކަތް ކުރާނެ ގޮތެއް ނެތް. އެއް ގާނޫނާ އަނެއް ގާނޫނު އެބަ ތައާރަޒުވޭ. އަޅުގަނޑުމެންނަކަށް ނޭނގޭ އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތެއް. އެމްއެމްސީއަކީ މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިންގެ ކަންކަން ބަލަހައްޓާ ފަރާތް. ބްރޯޑްކޮމުން މިދެނީ ނޫސްވެރިންނަށް ފާސް. އެހެންވީމަ މިވާ ގޮތަކީ މީޑިއާގައި މަސައްކަތް ކުރާ މަސައްކަތު މީހާވެސް މުޒާހަރާއަށް ދަނީ،" ހިދާޔަތުﷲ ވިދާޅުވި އެވެ.

އަބުރުގެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު (ކ) އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީ އަޑު އެއްސެވުމަށް ވަޑައިގެން: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާ ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ވަނީ އަބުރުގެ ބިލުގައި ތެދު ހަބަރު ފެތުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"މި ގާނޫނުގައި އެއްވެސް ތަނެއްގައި ތެދު ބުނެގެން ކުށްވެރިވޭތޯ. ދިޓީވީ ހިންގަން ދޭ ލައިސެންސުން ވީޓީވީ ހިންގިދާނެތޯ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައިވެސް ބުނެފައި ވަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން ހިޔާލުފާޅު ކުރެވޭނޭ. އެހެންވީމަ އިސްލާމްދީނާ ހިލާފުނުވާ ކަމެއް ނުވަތަ ވާހަކައެއް ދެއްކުމަށް މި ގާނޫނު {އަބުރުގެ ބިލު} މަނައެއް ނުކުރޭ." އަލީ އާރިފު ވިދާޅުވި އެވެ.