03 Aug 2016, 15:40
އިންޑިއާގެ ޓްރިވެންޑްރަމް އިން ފުރައިގެން ދުބާއީ އަށް ދަތުރުކުރަމުންދިޔަ އެމިރޭޓްސް އެއާލައިންގެ މަތިންދާބޯޓެއް އެމަޖެންސީގައި ދުބާއީ އެއާޕޯޓަށް ޖައްސައިފި އެވެ.
އެކަން ދުބާއީ ސަރުކާރުންނާއި އެމިރޭޓްސް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިއަދު މެންދުރު ގާތްގަނޑަކަށް 1:00 ޖަހާކަންހާއިރު އެމަޖެންސީގައި ދުބާއީ އަށް އެމިރޭޓްސްގެ ފްލައިޓް އީކޭ521 ޖައްސާފައިވަނީ ބޯޓުގައި އަލިފާން ރޯވުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެމިރޭޓްސްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މިއަދު ހެނދުނު 10:19 ގައި ޓްރިވެންޑްރަމް އިން ފުރައިގެން ދުބާއީ އަށް ދަތުރުކުރި އެ ފްލައިޓުގައި 275 ފަސިންޖަރުން ތިބި ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން ދުބާއީ އެއާޕޯޓްގައި ފްލައިޓް ޖެއްސި އިރުވެސް އެ ބޯޓުން ދިޔައީ ބޯކޮށް ކަޅުދުން އަރަމުންނެވެ.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާއިރު، ފްލައިޓްގައި ތިބި އެންމެން ވަނީ ރައްކާތެރިކަމާއެކު ފްލައިޓުން ބާލައިފަ އެވެ.