03 Aug 2016, 15:38
އަތޮޅުތެރޭ ރަށްތަކުގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދޭތެރޭ ހޭދަ ކުރާވަގުތު އެއްވަރު ކުރުމަށް އަންގައިފިއެވެ.
މިދިޔަ ހޯމަދުވަހު އިސްލާމިކު މިނިސްޓްރީން އަތޮޅުތެރޭ މިސްކިތްތަކަށް އަންގާފައިވަނީ ފަތިސްނަމާދުގައި ބަންގިއާއި ގަމަތާއި ދޭތެރޭ ހަތް މިނެޓު ދިނުމަށެވެ. އަދި އެހެން ނަމާދު ތަކުގައި އެދެމެދު ފަސް މިނެޓު ދިނުމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ އެކި މިސްކިތްތަކުގައި އެކިވަރަށް ވަގުތު ދޭތީ އަތޮޅުތެރޭ ހުރިހާ މިސްކިތެއްގެ ބަންގިއާއި ގަމަތާއި ދޭތެރޭވާ ވަގުތު އެއްވަރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
"ވަރަށްގިނަ ޝަކުވާ އަންނާތީ އަޅުގަނޑުމެން މިނިންމީ، މިހާރު ޖެހޭނެ އެގޮތަށް އަމަލުކުރަން." އޮފިޝަލް ވިދާޅުވިއެވެ.
އެއުސޫލު މާލެއަށް ތަންފީޒު ނުކުރާ ކަމަށާއި މާލެއަށްވެސް ހާއްސަ އުސޫލެއް ކަނޑައަޅާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.