ރަށް ރަށު ކައުންސިލްތަކުގެ ބަޖެޓް އަންނަ ޖުލައި މަހު ހުށައަޅަން ޖެހޭތީ، ރަށު ތަރައްގީގެ ޕްލޭނާއި އެއާ ގުޅޭ ފައިނޭންޝަލް ޕްލޭން އެކުލަވާލާނެ ގޮތް ދަސްކޮށްދިނުމަށް ޓަކައި ޅ. އަތޮޅުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

ޅ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޅ. ނައިފަރުގައި ފެށި އެ ޕްރޮގްރާމްގައި ޅ. އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކުން ތިން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ޅ. އަތޮޅު ކައުންސިލްގެ އިދާރާ އިން މިއަދު ބުންޏެވެ.

ޅ. އަތޮޅު ކައުންސިލްގެ އިދާރާ އިން ވާހަކަ ދެއްކެވި މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އަންނަ ޖުލައި މަހު ރަށް ރަށުގެ ތަރައްގީގެ ޕްލޭނާއި އެއާ ގުޅިގެން އެކުލަވާލަން ޖެހޭ ފައިނޭންޝަލް ޕްލޭން އެކުލަވާލަން ޖެހޭތީ މިފަދަ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި ދެ ދުވަހުގެ މި ބައްދަލުވުން ނިމެންވާއިރަށް އެކަންތައްތައް ކުރައްވަން ރަށް ރަށުގެ ކައުންސިލަރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިބައްދަލުވުން ނިމިގެންދާއިރު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ދިރާސާ ކުރާށާއި އެދިރާސާ އަށް ބިނާކޮށްގެން ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލަން ކައުންސިލަރުންނަށް އެނގިގެންދާނެ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި ދެ ޕާޓީގެ ހިޔާލުތަފާތުވުން އެއްވެސް ވަރަކަށް ނެތް ކަމަށެވެ. އަދި ޅ. އަތޮޅުގެ ރަށް ރަށުގެ ކައުންސިލަރުން އެ ރަށްރަށުގެ ތަރައްގީގެ ކަންތައްތަކުގައި ޕާޓީ ރޫހު އެއްވެސް ވަރަކަށް ނުގެންގުޅުއްވާ ކަމަށް ފާހަގަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު މެންދުރު ފަހު ނިންމުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ކިޔަވައި ދެއްވަނީ ޑރ. އަހުމަދު ޝުކުރީ އާއި މީޑިޔާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް ކަމަށް ޅ. އަތޮޅު ކައުންސިލްގެ އިދާރާ އިން ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިބައްދަލުވުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ނިމޭނެ ކަމަށް ޅ. އަތޮޅު ކައުންސިލުން ބުންޏެވެ.