04 May 2010, 10:00
އެމެރިކާގެ ވެރިރަށް ނިއުޔޯކްގެ ޓައިމް ސްކުއާގައި ބޮމުގެ ހަމަލާއެއް ދިނުމަށް ރޭވި ކަމަށް ތުހުމަތުކުރެވޭ މީހަކު ފުރައިގެން ޑުބާއީ އަށް ދާން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ބަންޑާރަ ނައިބް އެރިކް ހޯލްޑާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އެމެރިކާގެ ރަށްވެއްށެއް ކަމަށްވާ ފައިސަލް ސާހްޒާދު ނިއުޔޯކްގައި ހުންނަ ޖޯންއެފްކެނެޑީ އެއާޕޯޓް ތެރެއިން އަތުލައިގެންފައި ވަނީ ދުބާއީ އަށް ދިއުމަށް ތައްޔާރުވަމުންދިޔަ ފްލައިޓަކަށް އަރަނިކޮށް ކަމަށެވެ. އަދި ނިއުޔޯކްގެ ޓައިމް ސްކުއާއަށް ދިނުމަށް ރޭވި ޓެރަރިޒަމްގެ އެހަމަލާގެ މަގުސަދަކީ އެމެރިކާގެ ބަޔަކު މަރާލުން ކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި އެހަމަލާ ދިނުމަށް ރޭވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ހޯލްޑާ ވިދާޅުވި އެވެ.
ކާރެއްގައި ބޮމެއް ހަރުކޮށްގެން ނިއުޔޯކްގެ ޓައިމްސް ސްކުއާގައި މިދިޔަ ހޮނިހިރު ދުވަހު ބަޔަކު ދިނުމަށް ރޭވި އެ ހަމަލާގެ ޒިންމާ އުފުލާ ކަމަށް ޖެހިގެން އައި ދުވަހު އިންޓަނެޓްގައި ޝާއިކޮށްފައިވާ ލިއުމެއްގައި އިރާގުގައި ހަރަކާތްތެރިވާ ތާލިބާނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ބަޔަކު ވަނީ ބުނެފަ އެވެ. އަދި އެހަމަލާއަކީ އިރާގައި ހަރަކާތްތެރިވާ އަލްގައިދާއާ ގުޅުން ހުރި ހަނގުރާމަވެރިންގެ ބަޔަކު ހޯދުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމެރިކާއާ އިރާގުގެ ސިފައިން ހިނގި އޮޕަރޭޝަނެއްގައި އެޖަމާއަތުގެ ދެ މީހަކު މަރާލާފައިވުމުގެ ސަބަބުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިނުމަށް ރޭވި ހަމަލާއެއް ކަމަށްވެސް އިންޓަރނެޓްގައި ސާއިކޮށްފައިވާ އެލިއުމުގައި އެމީހުން ބުނެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.