03 Aug 2016, 15:45
ބެންގާޒީ (އޮގަސްޓް 3): ލީބިޔާގެ ބެންގާޒީގައި އިއްޔެ ބޮން ހަރުކޮށްފައިވާ ކާރެއް ގޮއްވާލުމުގެ ސަބަބުން 22 މީހަކު މަރުވެ، 20 މީހަކަށް އަނިޔާވެފައިވާ ކަމަށް ލީބިޔާގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ލީބިޔާގެ އިރުމަތީ ސަރުކާރުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ދިން އެހަމަލާގެ ޒިންމާ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ރިވޮލިއުޝަނަރީ ޝޫރާ ކައުންސިލް އޮފް ބެންގާޒީން ވަނީ ނަގާފަ އެވެ. އެޖަމާއަތާ ގުޅުން ހުރި މީޑިއާއަކުން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން އެހަމަލާގައި 28 މީހަކު މަރުވެ، 70 މީހަކަށް އަނިޔާވެފައިވެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މަރުވި މީހުންގެ ތެރޭގައި އަސްކަރިއްޔާގެ ހަތަރު ކޮމާންޑަރުން ހިމެނެ އެވެ.
ކާރު ގޮއްވާލި މަންޒަރު ދުށް ފަރާތަކުން ބުނި ގޮތުގައި ހަމަލާގެ ބާރުގަދަ ކަމުން ތިން ފަންގިފިލާގެ އިމާރާތެއް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. އަދި ހަތިޔާރު ބަރުކޮށްފައިވާ އަސްކަރިއްޔާގެ 10 އުޅަނދު ވެސް ވަނީ ހަލާކުވެފަ އެވެ.
ލީބިޔަން ނެޝަނަލް އާމީ (އެލްއެންއޭ) އިން މީގެ ދެ އަހަރު ކުރިން ޝޫރާ ކައުންސިލާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން ފެށި ފަހުން ބެންގާޒީގައި ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. އިއްޔެ ދިން ކާރު ބޮމުގެ ހަމަލާއަކީ މިހަފްތާ ތެރޭގައި ދިން އެފަދަ ހަތަރު ވަނަ ހަމަލާ އެވެ. (ރޮއިޓާސް)