03 Aug 2016, 15:42
އިދުލިބު (އޮގަސްޓް 3): ސީރިއާގެ އިދުލިބު ޕްރޮވިންސުގެ ސަރާގިބަށް ކްލޮރިން ގޭސް ހުރި ގޮވާޒާތުގެ ކޮންޓެއިނާތައް ވައްޓާފައިވާ ކަމަށް މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރި ވަމުންދާ ފަރާތްތަކުން ބުނެފި އެވެ.
ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކުގައި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ސީރިއަން ސިވިލް ޑިފެންސް ގުރޫޕުން ބުނި ގޮތުގައި ރޭގެ ވަގުތެއްގައި ދިން އެހަމަލާއާ ގުޅިގެން 33 އާއްމުންނަށް ހޮސްޕިޓަލުގައި ފަރުވާނެ ދޭން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި 18 އަންހެނުންނާއި ދެ ކުޑަކުދިން ހިމެނޭ ކަމަށްވެސް އެ ގުރޫޕުން ބުންޏެވެ.
"ދަންވަރުގަޑިއާ ގާތްކޮށް ހެލިކަޕްޓަރުން ވަނީ ކްލޮރިން ގޭހާއި ދަގަނޑު އެތިކޮޅުތައް ހިމެނޭ ގޮވާޒާތުގެ ފަސް ބެރަލް ސަރާގިބްއަށް ވައްޓާފަ. އެއީ ކްލޮރިން ގޭސް ކަމަށް ލަފާ ކުރެވެނީ އޭގެ ވަހާއި ލިބުނު އަނިޔާތަކުގެ ސަބަބުން،" ސިވިލް ޑިފެންސް ގްރޫޕުގެ އިސް ފަރާތަކުން ވިދާޅުވި އެވެ.
ކްލޮރިން ގޭހުގެ ސަބަބުން ލޯރަތް ވުމާއި، ނޭވާ ލާން އުނދަގޫ ވުމަށް މަގު ފަހިވެ އެވެ.
ސަރާގިބަށް ރޭ އެހަމަލާ ދީފައި ވަނީ މިދިޔަ ހޯމަ ދުވަހު އެއަވަށާ ގާތްގަނޑަކަށް 15 ކިލޯމީޓަރު ދުރުން ރަޝިއާގެ ހެލިކަޕްޓަރަކަށް ހަމަލާދީ ވައްޓާލި ފަހުންނެވެ. އެހާދިސާގައި ހެލިކަޕްޓަރުން ދަތުރު ކުރަމުން ދިޔަ ފަސް މީހުން ވަނީ މަރުވެފަ އެވެ.
އެ ހަމަލާއަކީ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކުން ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކަށް ކެމިކަލް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން 2011 ވަނަ އަހަރު ސީރިއާ ހަނގުރާމަ ފެށުނު ފަހުން އެގައުމަށް 160ށް ވުރެ ގިނަ ކެމިކަލް ހަމަލާތައް ދީފައިވެ އެވެ. އަދި އެހަމަލާތަކުގެ ސަބަބުން 1،491 މީހުން މަރުވެ، 14،581 މީހުންނަށް އަނިޔާވެފައިވާ ކަމަށް މާޗް މަހު ނެރުނު ރިޕޯޓުގައިވެ އެވެ. (އަލްޖަޒީރާ)